އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ބެޗްލަރސް ޑިގްރީއަށް ކިޔަވައިދޭ ސްފޮޓްވެއަރ އިންޖިނިއަރިންގ އާއި ނެޓްވޯކިންގ އާއި ސައިބަރސެކިއުރިޓީގެ އިތުރުން މާސްޓަރސް ލެވެލްގެ އޯގަނައިޒޭޝަނަލް ސައިކޮލޮޖީ
މެއި އިންޓޭކްގައި، ވިލާ ކޮލެޖުން އާ ހަތަރު ކޯހެއް ފަށަން ނިންމައި އިއުލާން ކޮށްފިއެވެ. އަލަށް ފަށާ ކޯސްތަކުގެ މައުލޫމާތު ދީ، އެ ކޯސްތައް ލޯންޗް ކުރީ މިއަދު އެ ކޮލެޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އަލަށް ތަޢާރަފު ކުރި ކޯސްތައް:
- ބެޗްލަރ އޮފް ސައިންސް އިން ސޮފްޓްވެއަރ އިންޖިނިއަރިންގ
- ބެޗްލަރ އޮފް ސައިންސް އިން ނެޓްވޯކިންގ
- ބެޗްލަރ އޮފް ސައިންސް އިން ސައިބަރ ސެކިއުރިޓީ
- މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ
މީގެ އިތުރުން، ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް އާއި ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓެމީ ކޯސް ވެސް ތައާރަފުކުރިއެވެ.
މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވިލާ ކޮލެޖުގެ 2025 މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ 2025 އޭޕްރިލް 19 އެވެ.
ބެޗްލަރ އޮފް ސައިންސް އިން ސޮފްޓްވެއަރ އިންޖިނިއަރިންގް
ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޕްރޮގްރާމަކީ މިހާރު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރަމުންދާ އަދި މުސްތަޤުބަލުގައި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ ދާއިރާގައި ކެރިއަރއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސޮފްޓްވެއަރ ތައްޔާރުކުރުމާއި، މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމާއި، އަދި ވެބް ޑިޒައިނިންގ ދާއިރާގެ ތަފާތު ސެކްޓަރތަކާއި މުއައްސަސާތަކުގައި ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަށީގެންވާ ޕްރޮގްރާމެކެވެ. މިއީ 3 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމް.އެން.ކިއު.އޭ ލެވެލް 7 ގެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް-ޓު-ފޭސް ނުވަތަ އީ-ލާރނިންގ މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ދެވިފައިވެއެވެ.
ބެޗްލަރ އޮފް ސައިންސް އިން ނެޓްވޯކިންގް
ބެޗްލަރ އޮފް ސައިންސް އިން ނެޓްވޯކިންގް ޕްރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކިންގ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުން ދަރިވަރުންގެ ޓެކްނިކަލް ހުނަރުތަކާއި ނެޓްވަރކިންގ އަދި އޭގެ އަމަލީ މަސައްކަތްތަކުގައި ޕްރޮފެޝަނަލް ކޮމްޕިޓެންސީތައް ތަރައްޤީކުރެއެވެ. މިކޯހުގައި ކިޔަވައިދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮއްގެންނެވެ. ޕެކެޓް ޓްރޭސަރ އަކީ ސެޓިފިކޭޝަން އިމްތިހާނުތަކަށް ތައްޔާރުވުމަށް، ޚާއްޞަކޮށް ސީސީއެންއޭ (CCNA) ދަރިވަރުންނަށް ހިލޭ ބޭނުންކުރެވޭ ނެޓްވޯކް ސިމިއުލޭޓަރ އެކެވެ. މިއީވެސް 3 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމް.އެން.ކިއު.އޭ ލެވެލް 7 ގެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް-ޓު-ފޭސް ނުވަތަ އީ-ލާރނިންގ މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ދެވިފައިވެއެވެ.
ބެޗްލަރ އޮފް ސައިންސް އިން ސައިބަރ ސެކިއުރިޓީ
ބެޗްލަރ އޮފް ސައިންސް އިން ސައިބަރ ސެކިއުރިޓީ ޕްރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކް ސެކިއުރިޓީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުގައި ނެޓްވަރކިންގގެ ނަޒަރިއްޔާތުތަކާއި ޓެކްނިކަލް ހުނަރުތައް އެއްކޮށްލައިގެން، ފެންވަރު ރަނގަޅު ނެޓްވަރކް ޙައްލުތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ދަސްކޮށްދެއެވެ. މީގެ އިތުރުން ސިސްކޯ ޕެކެޓް ޓްރޭސަރ ޓޫލް ބޭނުންކޮށްގެން އަމަލީ ތަމްރީނު ދެވެއެވެ. މިކޯހުގައި ކިޔަވައިދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮއްގެންނެވެ. ޕެކެޓް ޓްރޭސަރ އަކީ ސެޓިފިކޭޝަން އިމްތިހާނުތަކަށް ތައްޔާރުވުމަށް، ޚާއްޞަކޮށް ސީސީއެންއޭ (CCNA) ދަރިވަރުންނަށް ހިލޭ ބޭނުންކުރެވޭ ނެޓްވޯކް ސިމިއުލޭޓަރ އެކެވެ. ކޯހަކީ ނެޓްވަރކް އަދި ނެޓްވަރކް ސެކިއުރިޓީގެ ދާއިރާއިން ފެންވަރު ރަނގަޅު ގްރެޖުއޭޓުންނަށް ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ. މިއީ 3 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމް.އެން.ކިއު.އޭ ލެވެލް 7 ގެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް-ޓު-ފޭސް ނުވަތަ އީ-ލާރނިންގ މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ދެވިފައިވެއެވެ.
މި ތިން ޕްރޮގްރާމަކީ އެސޯސިއޭޝަން ފޮރ ކޮމްޕިއުޓިންގ މެޝިނަރީ (އޭސީއެމް) ގެ ކަރިކިއުލަމް، އައީއީއީ ކޮމްޕިއުޓިންގ ސޮސައިޓީގެ ކޮމްޕިއުޓަރ ސައިންސް ކަރިކިއުލަމް އަދި ޔޫކޭގެ ޕްރޮފެޝަނަލް ބޮޑީއެއް ކަމުގައިވާ ބްރިޓިޝް ކޮމްޕިއުޓިންގ ސޮސައިޓީގެ ކޮމްޕިއުޓިންގ ކަރިކިއުލަމްއާއި އަޅާކިޔާފައިވާ ޕްރޮގްރާމްތަކެކެވެ. މީގެ އިތުރުން މި މޮޑިއުލްތައް ވަނީ ހުވާވޭ އެކަޑަމީގެ ކޯސްތަކާވެސް ގުޅުވާލެވިފައެވެ.
މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ
ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސިލިންގއިން އޮފަރ ކުރާ މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ދަރިވަރުންނަށް އޯގަނައިޒޭޝަނަލް/އިންޑަސްޓްރިއަލް ސައިކޮލޮޖީގެ އުސޫލުތައް އެޕްލައިކޮށް، މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ހިއުމަން ރިސޯސަސްގެ ދާއިރާގެ މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އޮފީސްތަކުގައި މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގާ ފަރާތްތަކަށް ބޭނުންތެރި ކޯހަކަށް ވާނެއެވެ. އަދި މި ކޯސް ނިންމާ ދަރިވަރުން، އިންޑަސްޓްރިއަލް އަދި އޯގަނައިޒޭޝަނަލް ސައިކޮލޮޖީއާ ގުޅުންހުރި ވަޒީފާތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް 'ސޮސައިޓީ ފޮރ އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ' ގެ މެމްބަރޝިޕް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ 1 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމް.އެން.ކިއު.އޭ ލެވެލް 9 ގެ ޕްރޮގްރާމެކެވެ. ވިލާ ކޮލެޖުގައި ހިންގާ މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފު ކުރެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ފޭސް-ޓު-ފޭސް ނުވަތަ އީ-ލާނިންގ މޯޑް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް އިޚްތިޔާރުކުރެވޭނެއެވެ.
ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ ކޯސް ތައާރަފްކޮށްފައި މިވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (MNSDA) އާއި ގުޅިގެން، ފްލެބޮޓޮމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ. މިއީ ފްލެބޮޓޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ މަޢުލޫމާތާއި، އަމަލީ ހުނަރުތަކާއި، އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ޤާބިލުކަން ލިއްބައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް، ފޭސް-ޓު-ފޭސްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ޕްރޮގްރާމެކެވެ.
ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް
މި ޕްރޮގްރާމަކީ ކަލިނަރީ ސައިންސް ދަސްކޮށް، އަމަލީ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ އެއް ޕްރޮގްރާމެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ރާއްޖޭގައި ހިންގާ ހަމައެކަނި ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް ޕްރޮގްރާމް ކަމުގައިވާއިރު، ފުރަތަމަ ދުވަހުން ފެށިގެން ޕްރޮފެޝަނަލް ކިޗަންއެއްގައި އަމަލީ މަސައްކަތްކުރުމުގެ ފުރުޞަތާއެކު، ތިއަރީއާއެކު އަމަލީ ހުނަރު ތަރައްޤީ ކުރުމަށް އިސްކަންދެވެއެވެ.
މި ކޯހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ކުލިނަރީ އުކުޅުތަކުގެ އިތުރުން ދިވެހި ކެއުމުގެ ވައްޓަފާޅިއާއި ސަގާފީ ބައިތައް ހިމެނިގެން ރާއްޖޭގައި ހިންގާ ހަމައެކަނި ރަސްމީ ކަލިނަރީ ޕްރޮގްރާމް ކަމުގައިވާއިރު، ދަރިވަރުންނަށް ޕްރޮފެޝަނަލް ކިޗަންތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި، ވަޒީފާގެ މާހައުލުގެ ތަޖުރިބާ ހޯދުމާއެކު، ކޯސް ފުރިހަމަކުރުމަށްފަހު ވަޒީފާ ލިބުމުގެ މަގު ފަހިވެގެންދެއެވެ. ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު ތައްޔާރުކޮށްފައިވާ މި ކަރިކިއުލަމްގެ ސަބަބުން، ދަރިވަރުންނަށް ޒަމާނީ އަދި ވަޒީފާގެ މާހައުލަށް ބޭނުންވާ ހުނަރުތައް ދަސްވެގެންދާނެއެވެ.
ޕްރޮގްރާމްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ކޮލެޖުގެ ވެބްސައިޓް https://www.villacollege.edu.mv/ މެދުވެރިކޮށް އެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.


advertisment
ހިޔާލު