ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން އައްޑޫ ސިޓީގައި، ފަލަސްޠީނު ފޯރަމް ބާއްވައިފިއެވެ. މި ފޯރަމް ކުރިއަށް ގެންދިޔައީ އައްޑޫ ހައި ސްކޫލުގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި ފޯރަމުގެ މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އައްޝައިޚް މުޙައްމަދު އަނީލް އާއި، އަޙުމަދު ނާޒިލެވެ.
މި ފޯރަމްގައި މައިގަނޑު 3 ކަމަކަށް ވަނީ އަލިއަޅުވާލާފައެވެ. އެއީ:
ފަލަސްޠީނުގެ ތާރީޚް
ފަލަސްޠީނުގެ އަދުގެ ޙާލަތު
އަދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާނެ ރަނގަޅު ގޮތްތައް
މި ރޯރަމުގެ ތެރެއިން، ބައިވެރިންގެ ފަރާތުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ޕެނަލް ޑިސްކަޝަނަކާއި ޕްރެޒެންޓޭޝަނެއް ކުރިއަށް ގެންދިޔައެވެ. ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވަނީ އެމްއެންޔޫއެސްޔޫގެ 10ވަނަ ދައުރުގެ ނައިބު ރައީސް (އިތުރު ޙަރަކާތް) ސުޢައިދު ޔޫނުސް އާއި، އެ ދައުރުގެ ނައިބު ރައީސް (ޢިލްްމީ) އަޙްމަދު އިޔާޒު އާއި، 12ވަނަ ދައުރުގެ ނައިބު ރައީސް (ޢިލްމީ) މުޙައްމަދު ނާބިތު އަޙްމަދު އާއި، އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ކުރީގެ މެނޭޖަރު މުޙައްމަދު ޔާސިރު މުސާއެވެ.
އައްޑޫ ހައި ސްކޫލުގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ސްކޫލް ދަރިވަރުންނާއި، ކޮލެޖް/ޔުނިވަރސިޓީތަކުގެ ދަރިވަރުން އަދި ޢާންމުން ބައިވެރިވިއެވެ.
ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ފޯރަމެއް ކަމަށާއި މި ފޯރަމްގެ އިތުރު އެޑިޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެންޔޫގެ ކެމްޕަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.
ހިޔާލު