ލ. އަތޮޅުގެ 12 ސްކޫލަށް 710،000 ރުފިޔާގެ ފޮތް ލ. އަތޮޅު ކައުންސިލުން ހަދިޔާކޮށްފިއެވެ.
މިއީ، އެ ކައުންސިލުގެ ފަރާތުން ސްކޫލްތަކަށް ދޭން މިދިޔަ އަހަރު ނިންމި މާލީ އެހީގެ ދަށުން ފޯރިކޮށް ދިން ފޮތްތަކެވެ. އެހީގެ ގޮތުގައި ދިން ފޮތްތަކުގެ ޖުމްލަ އަދަދު 6500 އަށްވުރެ އިތުރެވެ.
ލ. އަތޮޅު ކައުންސިލުގެ ސެކެރަޓަރީ ޖެނެރަލް ޔޫސުފު އާމިރު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ކައުންސިލުގެ ފަރާތުން ފާއިތުވި ތިން އަހަރު ވެސް، އަހަރަކު 650،000 ރުފިޔާގެ މާލީ އެހީ ސްކޫލްތަކަށް ދީފައިވާ ކަމަށެވެ. މާލީ އެހީ ދެނީ ހުށައަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު ސްކޫލްތަކުގެ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ.
އޭނާ ވިދާޅުވީ، ސްކޫލްތަކުގެ މަހާސިންތާގެ ނަމުގައި ކޮންމެ އަހަރަކު ވެސް ބައްދަލުވުމެއް ބާއްވާ ކަމަށާއި މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުން އެދިވަޑައިގެންނެވީ މާލީ އެހީގެ ގޮތުގައި ދޭ ފައިސާއިން ސްކޫލްތަކުގެ ލައިބްރަރީތައް ތަރައްޤީކުރުމަށް ބޭނުންވާ ފޮތް ހަދިޔާ ކުރުމަށެވެ.
ލ. އަތޮޅު ކައުންސިލުން ފޮތް ހަދިޔާ ކުރީ އެ އަތޮޅުގެ 13 ސްކޫލުގެ ތެރެއިން 12 ސްކޫލްތަކަށެވެ. އެއް ސްކޫލަށް ފޮތް ހަދިޔާ ކޮށްފައި ނުވަނީ، 2023 ވަނަ އަހަރު ދިން މާލީ އެހީއިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ ތަފުޞީލުތަކާއި ލިޔެކިޔުންތައް ފުރިހަމަކޮށް، އެ ކައުންސިލަށް ހުށައަޅާފައި ނުވާތީއެވެ.
ސްކޫލްތަކަށް މި އަހަރު ދޭ މާލީ އެހީއަށް އެދެން ލ. އަތޮޅު ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މި އަހަރު މާލީ އެހީގެ ގޮތުގައި ދޭން ނިންމާފައި ވަނީ ހުށައަޅާ ޕްރޮޕަސަލަށް ބަލައި، އެ ޕްރޮޖަކްޓަށް ބޭނުންވާ ފައިސާގެ އެހީއެކެވެ.
ހިޔާލު