ލ. އަތޮޅު ސްކޫލްތަކުން މާލީ އެހީއަށް އެދެން އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ.
ލ. އަތޮޅު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، މި އަތޮޅު ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤްޞަދުގައި އެ ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެހީ ދޭ ސްކޫލްތަކުގެ ތެރޭގައި އެ އަތޮޅުގައި ހިންގާ ޕްރީ ސްކޫލްތައް ވެސް ހިމެނެއެވެ.
ސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ ސްކޫލްތަކުން، އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލްއާ އެކު އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ލ. އަތޮޅު ކައުންސިލުން ދޭ މާލީއެހީއަށް އެދެވޭނީ އެ ރަށެއްގެ ކައުންސިލުގެ އެންޑޯސްމަންޓާއެކުގައެވެ. އަދި ލިބޭ އެހީ ދޫކުރާނީ ވެސް އެރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ. އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.


advertisment
ހިޔާލު