ޤުރުއާން ހިތުދަސްކުރާ ކޮންމެ ދމީހަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދާންދޫ ކައުންސިލުން ދޭން ނިންމައިފިއެވެ.
އެ ކައުންސިލުގެ ރައީސް މުޙައްމަދު އާސިފު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ރަށުގެ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ހިތް ޖެއްސުމަށް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި ޤުރުއާން ކުލާސްތަކެއް ފަށަން ޕާކިސްޠާނުގެ މުދައްރިސަކު ވެސް މިހާރު ގެނެސްފައިވާ ކަމަށެވެ. އެ ކުލާހުގެ މަސައްކަތް ރޯދައަށްފަހު ފަށައިގަނެވޭނެ ކަމަށް އާސިފު ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ހިލޭ ކުރިއަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދާ ކޮންމެ ފަރާތަކަށް ވެސް ކައުންސިލުން ފާއިސާގެ އިނާމެއްގެ ގޮތުގައި 30،000 ރުފިޔާ ދޭނެ ކަމަށެވެ.
" ހާފިޒުން އުފެއްދުމަށް ފެށި މަސައްކަތެއް އެކަށީގެންވާ އިނާމެއް ކަނޑައެޅީ ވެސް ޝައުޤުވެރިކަން އިތުރު ކުރަން. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޤުރުއާނަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ. އަދި ރަށާއި އަތޮޅު އަދި ޤައުމީ ފެންވަރުގައި ވާދަކުރާނެ ދަރިވަރުން އުފެދިގެންދާނެ" ދަރިވަރު ނޫހަށް އާސިފު ވިދާޅުވިއެވެ.
ދާންދޫގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދެއެވެ.


advertisment
ހިޔާލު