ދިރާސީ އާ އަހަރު ގުރޭޑް 1ގައި 5700 ދަރިވަރުން ކިޔަވާނެ

ދިރާސީ އާ އަހަރު ގުރޭޑް 1ގައި ކިޔަވަން ފަށާ ދަރިވަރުންގެ އަދަދު 5700 އަށްވުރެ އިތުރުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑް އެކަކުން ޖާގަ ދިން ކުދިންގެ އަދަދު މިހާރު ވެސް 2200ން މައްޗަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްކޫލްތަކުން ޖާގަ ހޯދުމުގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ މާލެއާއި ހުޅުމާލޭގެ ސްކޫލްތަކަށެވެ. އެއީ އެ ސަރަހައްދަށް ގިނަ އާއިލާތަކެއް ދިރިއުޅުން ބަދަލުވަމުންދާތީއެވެ. ހުޅުމާލޭގެ އާބާދީއަށް ބަލާއިރު، ސްކޫލްތަކުން ޖާގަ ހަމަޖެއްސުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އިސްކަން ދެނީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދެއްގައި ހުރި ސްކޫލަކުން ޖާގަ ހަމަޖައްސަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 1300 އެއްހާ ދަރިވަރުން މިހާރު ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ހުށައަޅާފައިވެއެވެ. އޭގެތެރެއިން 700 ދަރިވަރުންނަކީ މާލެ ހިމެނޭ ސްކޫލްތަކަށް ބަދަލުވާން އެދި ހުށައެޅި ދަރިވަރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *