ސީއެޗްއެސްއީ ހުޅުމާލެ ދަރިވަރުން ދެމެހެއްޓެނެވި ދަނޑުވެރިކަމެއް ފަށައި، ރޯދައަށް ނެރުނީ ލެޓިއުސް

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ ތިމާވެށި ކުލަބު "އެންވައިރޯންސް"ގެ ދަރިވަރުން ރޯދައަށް ޚާއްޞަ ކޮށްގެން ހެއްދި ލެޓިއުސް އިއްޔެ ކަނޑައިގެން ވިއްކައިފިއެވެ. މިއީ އެ ސްކޫލުގައި ފެށި ދެމެހެއްޓެނިވި ދަނޑުވެރިކަމެއްގެ ފެށުމެވެ.

އެރޮޕޮނިކްސްގައި ސީއެޗްއެސްގެ ދަރިވަރުން ހެއްދީ އޯކް ލީފް ލެޓިއުސްއެވެ. އެރޮޕޮނިކްސް ދެ ސިސްޓަމުގައި 360 ލެޓިއުސް ގަސް ހައްދާފައިވެއެވެ.

ސީއެޗްއެސްއީ ހުޅުމާލެ ސްކޫލުގެ ތެރަސްގެ ވަކި ސަރަހައްދެއް ދަނޑުވެރުކަމުގެ އުފެއްދުންތަކަށް ޚާއްޞަ ކޮށް، އެތަނުގައި ހެއްދި ލެޓިއުސް ވިއްކީ އެ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނާއި އަދި މުވައްޒަފުންނަށެވެ.

އެރޮޕޮނިކްސްގައި ލެޓިއުސް ހައްދަން ބޭނުންވާ ސިސްޓަމްތައްކާއި އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދީ، ފަންޑްރައިޒިން ހަރަކާތްތަކުން އެ ސްކޫލުގެ ދަރިވަރުން ހޯދި ފައިސާއިންނެވެ. ލެޓިއުސް ހެއްދުމުގެ ހުރިހާ މަރުހަލާއެއްގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނީ ވެލްނެސްމެޓަރސްގެ ފަރާތުންނެވެ.

ލެޓިއުސް ހެއްދުމުގެ ހުރިހާ މަރުހަލާއެއް ފުރަތަމަ ދުވަހުން ފެށިގެން، ބަލަހައްޓަމުން ގެންދިޔައީ އެ ސްކޫލުގެ ތިމާވެށި ކުލަބުގެ ދަރިވަރުންނެވެ. އެ ދަރިވަރުން ވަނީ، ސިސްޓަމްތަކުގެ ތެރޭގައި ފެނާއި ނިއުޓްރިއެންޓްލެވެލް ހުންނަ މިންވަރު ވަރަށް ގާތުން ބަލައި، ގަސްތައް ހެދިބޮޑުވުމަށް އަންނަ ގޮތް ދިރާސާކޮށްފައެވެ.

ސީއެޗްއެސްއީ ހުޅުމާލެއިން ބުނީ، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކަކީ ހަމައެކަނި ލެޓިއުސް ހެއްދުން ނޫން ކަމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތަކަށް ހިތްވަރު ދިނުމާއި، ދަނޑުވެރިކަމުގެ ތަޖުރިބާ އަމަލީ ގޮތުން ދަރިވަރުންނަށް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މުޅި ޕްރޮޖެކްޓްގައި، އެންވައިރޯންސް އެގްޒެކެޓިވް ކޮމިޓީއާއި، ދަރިވަރުންނަށް ލެޓިއުސް ހެއްދުމުގެ ހުނަރުތައް ލިބިގެން ދިޔައެވެ.

އޭގެ ތެރޭގައި، އެރޮޕޮނިކް ޕްރޮސެސްގެ ކޮންމެ މަރުހަލާއެއް ރާވައި ހިންގުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙް ދަރިވަރުންގެ މެދުގައި އުފެއްދުމާއި ގަސްތަކަށް ބޭނުންވާ ކާނާއާއި ނިއުޓްރިއަންޓްގެ މިންވަރާއި ގަސްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ހެޔޮ އަސަރުތައް ދެނެގަތުން ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ ޒަރިއްޔާއިން އެންވައިރޮންސް އިން ވަނީ ތާޒާ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް އަޑުއުފުލާ ހަރަކާތްތެރި ބައިވެރިއަކަށް ވުމުގެ އިލްމާއި ހުނަރު ދަރިވަރުންނަށް ފަހިކޮށްދީފަ އެވެ. ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމަށާއި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މި ޕްރޮގްރާމުން އުއްމީދުއާލާ ވާ ކަމަށް ވެސް ސީއެޗްއެސްއީ ހުޅުމާލެއިން ބުންޏެވެ.

ލެޓިއުސްގެ އިތުރުން، ކެއުމަށް ބޭނުން ކުރާ އިތުރު ބާވަތްތައް ވެސް އެރޮޕޮނިކްގެ އެހީގައި ހައްދަން ސީއެޗްއެސްއީ ހުޅުމާލެގެ ތިމާވެށި ކުލަބުން އޮތީ ރާވާފައެެވެ.

ތިމާވެށި ކުލަބުގެ ފަރާތުން އަންނަނީ، އެ ސްކޫލު ފެހިކުރަން ގަސް އިންދުމުގެ ޚާއްޞަ މަސައްކަތެއް ވެސް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *