ވ. އަތޮޅު ކައުންސިލުން އެ އަތޮޅު ތައުލީމީ މަރުކަޒުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްޤީކޮށް ހުޅުވައިފިއެވެ.
"ޢިލްމީ ހަސްތީ"ގެ ނަމުގައި މި ލައިބްރަރީ ޤާއިމް ކުރީ އެ ސްކޫލުގައި ބޭނުން ކުރަމުން އަންނަ ލައިބްރަރީއާ އިންވެގެންނެވެ. މި ލައިބްރަރީ ހުޅުވީ އެ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ވ. އޭއީސީގެ ޕްރިންސަޕަލް ރާފިއު ޖަމީލް ދަރިވަރު ނޫހަށް ވިދާޅުވީ، އައުޓްޑޯ ލައިބްރަރީގެ ސަބަބުން ގުދުރަތީ ހިތްފަސޭހަ މާހައުލެއްގައި ފޮތް ކިޔުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށާއި، ރީޑިންގ ޕްރޮގްރާމްތަކާއި ވާހަކަ ކިޔުމުގެ ހަރަކާތްތައް އެތަނުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"ލައިބްރަރީން ފޮތް ނަގައިގެން އައިސް އަލަށް ހުޅުވި އައުޓްޑޯ ލައިބްރަރީގައި ތިބެގެން ފޮތް ކިޔުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނީ" ރާފިއު ވިދާޅުވިއެވެ.
އައުޓްޑޯ ލައިބްރަރީ ތަރައްޤީ ކޮށްފައި ވަނީ، ދަރިވަރުންނަށް ފަސޭހައިން އިށީދެގެން ތިބެވޭ ގޮތަށް ބެންޗްތައް ވެސް ބަހައްޓައިގެންނެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލުގެ ތަރައްޤީއަށާއި ކުރިއެރުމަށް ވ. އަތޮޅު ކައުންސިލުން ގިނަ އެހީތަކެއް ވެދެމުން އަންނަ ކަމަށެވެ.
ވ. އޭއީސީގައި މިހާރު ކިޔަވަމުން ގެންދަނީ 136 ދަރިވަރުންނެވެ.
ހިޔާލު