ރިންޒީ: ހިރިޔާއަށް ފަހު އާ ޗެލަންޖަކާއެކު އަމީނިއްޔާއަށް

ޕްރިންސިޕަލްކަމުގައި ހޭދަކުރެއްވި އަށް އަހަރުގެ ތެރޭގައި ހިރިޔާއަށް ބޮޑު ބަދަލެއް ވަނީ ގެންނަވާފައި

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ރިންޒީ އިބުރާހިމް ވަހީދުގެ މަދަރުސީ ޙަޔާތުގެ ބިންގާ އެޅުއްވީ އީޕީއެސް ސްކޫލުންނެވެ. ސަރުކާރު ސްކޫލަކުން ޖާގައެއް ހޯއްދަވަން އޭރު އޮންނަ ހަނި ފުރުޞަތުގެ ބޭނުން ހިއްޕެވީ ޖޭއެސްސީ އިމްތިޙާނުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ހޯއްދަވައިގެންނެވެ. އަމީނިއްޔާއިން ލިބިވަޑައިގެންނެވި ފުރުޞަތާއެކު އޯލެވެލް އިމްތިޙާން ނިންމާލެއްވީ އެ ސްކޫލުގެ ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައެވެ.

އަމީނިއްޔާގައި ކިޔަވާވިދާޅުވަމުން ގެންދެވި ދުވަސްވަރު، ކުދިންނަށް ޓިއުޝަން ދެއްވިއެވެ. އޭގެ ސަބަބުން މުދައްރިސްކަމަށް ޚާއްޞަ ލޯތްބެއް އޮތް ނަމަވެސް މުދައްރިސެއްގެ ގޮތުގައި ކުރިމަގު ބައްޓަން ކުރެއްވުމުގެ ޚިޔާލެއް ނުގެންގުޅުއްވައެވެ. ނަމަވެސް ބައްޕަގެ ހުވަފެނަކީ ވަޒީފާއެއްގެ ގޮތުގައި ޓީޗަރަކަށް ވެވަޑައިގެންނެވުމެވެ.

"ބައްޕަ ވިދާޅުވީ، ޓީޗަރަކާއޭ ވައްތަރީ އެހެންވީމަ ޓީޗަރަކަށޭވާންވާނީ" ރިންޒީ ވިދާޅުވިއެވެ.
"ތިމަންނަގެ ދަރިފުޅު ވާނީ ޓީޗަރަކަށޭ، އެހެން ބައްޕަ ވިދާޅުވާތީ ވެސް ޝައުޤުވެރިކަން އުފެދޭ"

ތައުލީމީ ދާއިރާގެ ބޮޑުބައެއް އިސްކަންދަރު ސްކޫލުގައި

އޯލެވެލް ނިންމާފައި މުދައްރިސްކަން ކިޔަވާވިދާޅުވާން ވެންނެވީ މިހާރު ކިޔާ ގޮތުން ނަމަ އެންއައިއީއަށެވެ. އެ އަހަރަކީ އެއް އަހަރުން ހަދަމުން އައި މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސް ދެ އަހަރަށް ބަދަލުކުރި އަހަރެވެ. މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް އޭރު ކުރިއަށް ގެންދިޔައީ މިހާރު ކިޔަވާ ދެމުން ގެންދަވާ ގޮތާ ތަފާތު ގޮތަކަށެވެ. އޭރު ކުރަންޖެހޭ މަސައްކަތް އިތުރެވެ. ކަރިކިއުލަމުގެ ތެރެއިން ކިޔަވައިދިނުމަށް ބޭނުން ކުރަންޖެހޭ ހުރިހާ ޓީޗިންގ އެއިޑެއް ކޯހުގެ ތެރެއިން އަމިއްލައަށް ތައްޔާރު ކުރައްވަން ޖެހެއެވެ. އަދި ކުލިނިކަލް ޓީޗިންގއާއި ޓީޗިންގ ޕްރެކްޓިކަމްއާއި އޮބްޒަވޭޝަން ވެސް އޭރު ކުރިއަށް ގެންދަވަން ޖެހެއެވެ. އޮބްޒަވޭޝަނަށް ދިޔައީ އިސްކަންދަރު ސްކޫލަށެވެ. ޓީޗިންގ ޕްރެކްޓިކަމަށް ވަޑައިގެންނެވީ ޖަމާލުއްދީނަށެވެ.

މުދައްރިސުން ތަމްރީނު ކުރުމުގައި އޭރާއި މިހާރުގެ އެންމެ ބޮޑު ތަފާތެއް ކަމަށް ރިންޒީ ދެކެވަޑައިގަންނަވަނީ އަމަލީ ތަޖުރިބާގެ ބައެވެ.

"އަޅުގަޑަށް ލަފާކުރެވެނީ އޭރު މުދައްރިސުން ތަމްރީނު ކުރާއިރު އަމަލީ ތަޖުރިބާގެ ބައި މާބޮޑަށް ލިބޭހެން"

މުދައްރިސް ކަމުގެ ކޯސް ނިންމައި، ފުރުޞަތު ލިބިވަޑައިގެންނެވީ އިސްކަންދަރު ސްކޫލުންނެވެ. ފުރަތަމަ ކިޔަވައިދެއްވީ ވެސް ގުރޭޑް 1އަށެވެ. އަލަށް ވަޑައިގަންނަވާ މުދައްރިސަކަށް ގުރޭޑް1 އާންމުކޮށް ހަވާލެއް ނުކުރައްވާނެއެވެ. ނަމަވެސް ކޯހުގެ ތެރެއިން އޮބްޒަވޭޝަންގައި އިސްކަންދަރު ސްކޫލުގައި މަސައްކަތް ކުރައްވާފައި ހުންނެވުމާއި ސްޕަވައިޒަރުންގެ ފީޑްބެކަށް ބައްލަވައި ގުރޭޑް1އަކަށް ކިޔަވައިދެއްވަން ހަވާލު ކުރެއްވީ ޕްރިންސިޕަލާއި މެނޭޖްމަންޓުން އޭނާއަށް ކުރެއްވި އިތުބާރެއްގެ މައްޗަށެވެ.

5އަހަރު ގުރޭޑް 1އަށް ރިންޒީ ކިޔަވައިދެއްވިއެވެ. އޭގެ ފަހުން ދެން ވަޑައިގެންނެވީ ލިބުނު ފުރުޞަތެއްގައި ޑިޕްލޮމާއިން މެނޭޖްމަންޓް ކޯހެއް ހައްދަވަން އަވަށްޓެރި ސްރީލަންކާއަށެވެ. ލަންކާގެ އެންއައިއީއިން ކުރިއަށް ގެންދެވި ކޯސް ނިންމައި، ވަޑައިގެންނެވުމުން ސްޕަވައިޒަރަކަށް ބަދަލުކުރެއްވިއެވެ. 23 އަހަރު އިސްކަންދަރު ސްކޫލުގައި މަސައްކަތް ކުރެއްވިއިރު، 12 އަހަރު ޑެޕިއުޓީ ޕްރިންސިލެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ.

ހިރިޔާގެ ޕްރިންސިޕަލަކަށް، އުނދަގޫ ބަދަލެއް. ނެގީ ޗެލަންޖަކަށް

ތަޢުލީމީ ޙަޔާތުގެ ބޮޑުބައެއް އިސްކަންދަރު ސްކޫލުގައި ހޭދަކުރެއްވުމުން އެ ސްކޫލަށް އޮތީ ޚާއްޞަ ލޯތްބަކާއި ކުލުނެކެވެ. ހިރިޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ވެވަޑައިގެންނެވުމަކީ ރިންޒީ އުއްމީދު ކުރެއްވިކަމެއް ނޫނެވެ. ނަމަވެސް އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، އެދިވަޑައިގެންނެވީ ހިރިޔާ ސްކޫލާ ހަވާލުވެ ވަޑައިގެންނެވުމަށެވެ. ފުރަތަމަ ޖެހިލުންވެ ވަޑައިގަތެވެ. އެޑިޔުކޭޝަން މިނިސްޓަރާއި އިސްކަންދަރު ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ހުސައިން ސައީދު ދެއްވި އިތުބާރާއި ޔަޤީންކަމުން ރިންޒީއަށް ޔަޤީންކަން ލިބިވަޑައިގެންނެވިއެވެ.

"ހިރިޔާއަށް އައިއިރު އެއީ އަޅުގަނޑަށް ވަރަށް އާ ތަނެއް. އެތަނުގައި އުޅޭ ޓީޗަރުންނެއް އިސްފަރާތްތަކެއް ނޭނގޭ. އެތަނަކީ އައިސް އުޅުނު ތަނެއް ވެސް ނޫން. ބައެއް ފަހަރު އެހެން ސްކޫލަތަކަށް ދިޔަޔަސް ހިރޔާއަށް ކުރިއަކުން އާދެވިފައެއް ވެސް ނެތް. މެނޭޖްމަންޓަގައި ވެސް ތިބީ ދިމާވެ ވާހަކަ ދެކެވިފައި ތިބި ބައެއްނޫން.

އެ ބަދަލު އަޅުގަނޑަށް ވަރަށް އުނދަގޫވި" ޕްރިންސިޕަލެއްގެ ގޮތުން ފުރަތަމަ ފެއްޓެވި މަސައްކަތް ރިންޒީ ވިދާޅުވެދެއްވިއެވެ.

"23 އަހަރު އެއްތަނެއްގައި މަސައްކަތް ކުރެވިފައިވާއިރު އެ ތަނަކަށް ކުލުނާއި ލޯބި ޖެހިފައި ހުންނާނީ. ހިރިޔާއަށް ބަދަލުވުމަކީ އުނދަގޫ ބަދަލެއް. އެކަމަކު، އެ ބަދަލު ނެގީ ޗެލަންޖަކަށް"

ރިންޒީ ވިދާޅުވީ، ތަނަކަށް ބަދަލެއް ގެންނަވަން މަދުވެގެން ފަސް އަހަރު ނަގާނެ ކަމަށާއި ހިރިޔާއާ ހަވާލުކުރެއްވީމާ، ބަދަލެއް ގެންނަން ފަސް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް އެޑިޔުކޭޝަންގެ އިސްބޭފުޅުންގެ އަރިހުގައި ދެންނެވިކަމަށެވެ.

" ފުރަތަމަ ގެންނަ ބަދަލެއް މީހުންނަކަށް ނުފެނިދާނެ. މިސާލަކަށް ޓީޗިންގ ލާރނިންގަށް ގެންނަ ބަދަލްތަކަކީ އޭގެ ނަތީޖާ އެއްދުވަހުން ދެ ދުވަހުން ފެންނާނެ ކަންތައްތަކެއް ނޫން"

ރިންޒީ ޤަބޫލުކުރެއްވި ގޮތުގައި ކާމިޔާބު ސްކޫލަކަށް ހެއްދެވުމަށް އެންމެ މުހިންމު ކަމަކީ އެ ތަނެއްގައި ޕޮޒިޓިވް ކަލްޗަރއެއް އުފެއްދެވުމެވެ. އެ ކަލްޗަރ އުފައްދަން ކުރަންޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިރިޔާ ސްކޫލާ ހަވާލުވެވަޑައިގެންނެވިއިރު، ހިރިޔާއަށް އެންމެ ފަސްއަހަރެވެ. އެހާ ހަގު ސްކޫލެއް ނަގައި އެންމެ މައްޗަށް ގެންދިއުމަށް ފާއިތުވި އަށް އަހަރުގެ ތެރޭގައި ރިންޒީ ވަނީ ހައިރާންވާހާ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މުޅި ސްކޫލަށް ބެއްލެވިނަމަވެސް އެ ބަދަލު ދަނީ ފެންނަމުންނެވެ.

އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި ރިންޒީ ފާހަގަކުރެއްވީ ހިރިޔާގައި، ސްކޫލް މޮނިޓަރިންގ އާއި ޓީޗިންގ ލާރނިންގ ވަރުގަދަކުރުމަށްޓަކައި ކުރެއްވި ކަންތައްތަކެވެ. ދެން ފާހަގަކުރެއްވީ، ސްކޫލުގެ އުމްރާނީ ތަރައްޤީއަށް ގެނައި ބަދަލެވެ. ދަރިވަރުންނާ މުދައްރިސުންނަށް ކިޔެވުމުގައި ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމާއެކު ސްކޫލްގެ މާހައުލަކީ ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި ބައްޓަންކުރަން ކުރެވުނު މަސައްކަތްތަކެވެ.

ހިރިޔާ ސްކޫލަށް ދިހަ އަހަރު ފުރުނު އަހަރަކީ އެ ސްކޫލުގެ ގުރޭޑް އެކެއްގައި ކިޔަވަން ފެށި ދަރިވަރުން އޯލެވެލް ނިންމި އަހަރެވެ. އެ ސްކޫލްގެ "ކްރީމް" ކޮޅު އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އެއީ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލުގެ ނަތީޖާއެވެ. މިހާރު އެ ސްކޫލަކީ ކޮންމެ އަހަރަކު ވެސް އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަމުންދާ ސްކޫލެކެވެ.

ރިންޒީ ވިދާޅުވީ، ސްކޫލް ހިންގުމަށް ގެނައި ބަދަލުތަކަކީ ވެސް ފާހަގަކުރެވޭ ފަދަ މުހިންމު ބަދަލުތަކެއް ކަމަށެވެ.

"މިތަނުގެ ކޮންމެ ކަމަކަށް ޑޮކިއުމަންޓް ލިޔެވިފައި ހުންނާނެ. ޕޮލިސީސްތައް އެކުލަވާލެވިފައި ހުންނާނެ. ޕްލޭންތައް ހަދާފައި ހުންނާނެ. ވަރަށް ފަސޭހަވާނެ މި ސްކޫލާ ހަވާލުވާ ބޭފުޅަކަށް ހިންގަން"

ރިންޒީ ވިދާޅުވީ، ހިރިޔާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އެތަނުގެ މުވައްޒަފުންނެވެ.  މުވައްޒަފުން އޭނާއަށް ކުރެއްވި އިތުބާރެވެ. ތަނަށް ކުރިއެރުން ގެނައުމަށް މުވައްޒަފުން އެ ހުންނަ ޝައުޤުވެރިކަމެވެ.

" އެންމެން ވެސް ޤަބޫލުކުރޭ ނަތީޖާ ރަނގަޅު ކުރަންޏާ އެކަން ކުރެވޭނީ ކަންތައްތަކެއް ރަނގަޅުކޮށްގެން ކަމަށް. މުވައްޒަފުން އެކަންތައް ޤަބޫލުކޮށްގެން ކުރިއްޔާ އެ މޯޓިވޭޝަން އަންނާނީ. ސްކޫލްގެ ޓޮޕް މެނޭޖްމަންޓުން ނިންމާ ނިންމުންތަކަކީ ސްކޫލާއި ދަރިވަރުންނާއި ސްޓާފުންގެ ފައިދާއަށް ނަގާ ޑިސިޝަންތަކެއްކަން އެބޭފުޅުން ޤަބޫލުކުރި ކުރުމުގެ ނަތީޖާ، ހިރިޔާއަށް މި ހިސާބަށް އާދެވުނީ. އެއީ އަޅުގަނޑުގެ އެކަނި މަސައްކަތެއް ނޫން. އަޅުގަނޑަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޑިޒިޝަންތައް ނަގާ މީހެއް ނޫން" ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 31 ވަނަ އަހަރު މި އަހަރު ފުރޭ ރިންޒީ ވިދާޅުވިއެވެ.

"އެ ނިންމާ ނިންމުމެއްގައި، ދަރިވަރުން ހިމެނޭ ކަމަށް ވަންޏާ، ދަރިވަރުންގެ އެހީތެރިކަން އަޅުގަނޑު ހުންނާނީ ހޯދާފައި. ތަނަކަށް ކުރިއެރުން ގެންނަން ވެއްޖިއްޔާ ވަރަށް މުހިންމު ދަރިވަރުން މިތާ އުޅޭއިރު، އެމީހުން ހިތްހަމަޖެހޭ، އެމީހުން ފިއުޗަރގައި ދެކެން ބޭނުން ވަނީ ކޮންކަންތައްތަކެއްކަން އެނގިގެން ކުރިއަށްދިއުން. ކޮންމެ އަހަރަކު ވެސް އަޅުގަނޑު މީޓް ކޮށްފައި  ހުންނާނެ ޑިޕާޓްމަންޓް ވައިސްކޮށް، ވަކިވަކި ޓީޗަރުންނާ. ކޮންކަމެއްތޯ ދެން އަންނަ އަހަރަކަށް ރަނގަޅު ކުރަންވީ. ކޮންކަމެއްތޯ އިތުރަށް ރަނގަޅު ކުރަންވީ. އެ މަޝްވަރާތަކާއެކު އެންމެންގެ އެފަޓެއް ލައިގެން މި ހިސާބަށް އާދެވުނީ. "މިހާރު {ހިރިޔާ ސްކޫލަކީ} ލަވިންގ، ކެއަރިން އެންވަޔަރަމަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ތަނެއް. އެއީ މިހާރުގެ މިތަނުގެ ކަލްޗަރއެއް"

ރިންޒީ ވިދާޅުވީ، މުހިންމު ލިޔުންތަކެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އޭނާއަށް ފެނިވަޑައިގެންނެވީ،ހިރިޔާއާ ހަވާލުވުމަށްފަހު އެތަނަށް ގެންނަން އޭނާ ބޭނުންވާ ބަދަލުތައް ހިމަނައިގެން އޭރު 2017 ގައި ތައްޔާރުކުރި ލިޔުމެކެވެ.

"އޭގައި ހުރި ހުރިހާ ކަމެއް މިހާރު ވަނީ ހާޞިލް ކުރެވިފައި. ވަރަށް ކުދިކުދި ކަންތައްތަކުން ވަރަށް ބޮޑެތި ކަންތައްތަކެއް އަޅުގަނޑަށް ކުރެވިއްޖެ"

އިސްކަންދަރު ސްކޫލުގައި ގިނަ ދުވަހު މަސައްކަތް ކުރިޔަސް ހިރިޔާއިން ނުކުންނަވާއިރު ވަޒީފާގެ ހިތްހަމަޖެހުން މާ ބޮޑަށް ލިބޭކަމަށް ރިންޒީ ވިދާޅުވިއެވެ. އިސްކަންދަރުގައި ކުރެއްވި ކަމެއް ކުރެއްވީ، ބޭފުޅެއްގެ އަރިހުގައި ހުންނަވައިގެން އިރުޝާދު ދެއްވާ ގޮތަކަށެވެ. އެކަމަކު ހިރިޔާގައި އޭނާ ކުރެއްވި ކަމެއް ކުރެއްވީ، އަމިއްލައަށް ނިންމާ ނިންމުމަކާއެކުއެވެ.

"[ހިރިޔާއިން] ބަލާލާ ކޮންމެ ދިމާލަކުން އަޅުގަނޑަށް ފެނޭ ކުރެވިފައިވާ މަސައްކަތް. ތަނަކަށް ކުރިއެރުން ގެނެސްދެވިފައޭ ނުކުމެގެން މި ދެވެނީ. އެކަމުގެ އިހުސާ ކުރެވޭ"

ރިންޒީ ވިދާޅުވީ، އަމީނިއްޔާއަކީ ވަރަށް ގިނަ ދުވަސްވީ ސްކޫލެއް ކަމަށާއި ހިރިޔާއާ އެތަނާ ތަފާތުވެސް ވާނެ ކަމަށެވެ. ހިރިޔާ އަޅާބަލާއިރު އަމީނިއްޔާގައި ހުންނާނީ ތަފާތު ޗެލަންޖަރސްތަކެއް ކަމަށާއި ހިރިޔާއިން ލިބުނު ތަޖުރިބާގެ އަލީގައި ރަނގަޅު ބަދަލަކާއެކު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިންޒީ ވިދާޅުވީ، ކާމިޔާބު ކަމާއެކު އޭނާގެ ކެރިއަރ ކުރިއަށް ދިޔަކަމަށްޓަކައި ﷲ އަށް ހަމްދުކުރާ ކަމަށެވެ. އެއާއެކު އޭނާގެ ޝުކުރު މަންމައާއި ބައްޕައަށް ޚާއްޞަ ކުރިއެވެ.

"އަޅުގަޑުގެ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން ދެ ކުދިންނާ އަޅުގަޑުގެ ފިރިމީހަށް. އެމީހުންގެ ވަރަށް ބޮޑު އަންޑަރސްޓޭޑިންގ އެއްގެ ދަށުން މިހާހިސާބަށް މި އާދެވުނީ." ކާމިޔާބީގައި ފިރިކަލުންނާއި ދަރިންގެ ހިއްސާ ރިންޒީ ފާހަގަކުރެއްވިއެވެ. އަދި އެ ލިސްޓަށް އޭނާގެ ކޮއްކޮމެންނާއި ރަހުމަތްތެރިން ވެސް ހިމެނުއްވިއެވެ.

އިސްކަންދަރު ސްކޫލާއި ހިރިޔާގައި އޭނާއާއެކު މަސައްކަތް ކުރެއްވި އެންމެންނަށް ވެސް ރިންޒީ ޝުކުރު ދެންނެވިއެވެ. އިސްކަންދަރުގެ ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުން، ހާއްސަކޮށް ޕްރިންސިޕަލް ހުސެންސައީދަށް ޚާއްޞަ ޝުކުރެއް ރިންޒީ ދެންނެވިއެވެ.

"ހިރިޔާ ސްކޫލަކީ އަޅުގަޑުގެ ހިތާ ގުޅިވައިފައިވާ ސްކޫލެއް. ހިރިޔާގައި އެހާރާއި މިހާރު މަސައްކަތް ކުރި އެންމެންނަށް ޝުކުރުއަދާކުރަން. ދެވަނަ ގޭގެ ގޮތުގައި މަސައްކަތް  ކުރެވުނީ އެ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު. އެދެނީ، ހިރިޔާއަށް ކުރިއެރުމަށް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *