ރޯދައަށް ބޮޑުފޮޅުދޫ ސްކޫލުގެ ދަރިވަރުން ހެއްދީ އެ ރަށު ރައްޔިތުންނަށް ވާވަރަށް ކޮޕީފަތް

ގަސް އިންދާނެ ޖާގަ ސްކޫލުގައި ނެތިގެން ކޮޕީފަތް ހެއްދީ ސްކޫލާއި ކައިރި ގެތަކުގެ މަގުފާރު ކައިރީގައި

ރޯދައަށް، ބޮޑުފޮޅުދޫ ސްކޫލުގެ ދަރިވަރުން ހެއްދީ ކޮޕީފަތާއި ސަނާދުފަތާއި މިރުހެވެ. މިއީ އެ ސްކޫލުގެ ދަރިވަރުން ރޯދައަށް އަމާޒުކޮށްގެން ހެއްދި ބާވަތްތަކެވެ. ކޮންމެ އަހަރަކު ވެސް އެ ސްކޫލުގެ ދަރިވަރުން ރޯދައަށް އަމާޒުކޮށްގެން މި ބާވަތްތައް ހައްދައެވެ. މި ތިން ބާވަތް ހެއްދުމުގައި އަމަލީ ގޮތުން ހުރިހާ މަސައްކަތެއް ކުރީ ދަރިވަރުންނެވެ. މިއީ ދަރިވަރުންގެ ސައްތައިންސައްތަ މަސައްކަތެކެވެ.

ބޮޑުފޮޅުދޫ ސްކޫލުގެ ލީޑިންގ ޓީޗަރު، ހަސަން މޫސާ ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ ގޯތިތެރޭގައި ޖާގަ ނެތުމުން އެކިއެކި ތަންތަންކޮޅުގައި ޕޮޓު ބަހައްޓައިގެން ލެޓިއުސްގެ 100 އެއްހާ ގަސް އިންދިއެވެ. މިރުސްގަސް އިންދީ ވެސް އެގޮތަށެވެ. ކޮޕީފަތް ހެއްދީ ސްކޫލުގެ ކުރިމައްޗާއި ދެ ފަރާތުގެ ވަށައިގެންވާ މަގުފާރު ކައިރީގައެވެ. އަދި ހުއްދަ ހޯދައިގެން އެ ސްކޫލުގެ ކައިރީގައި ހުރި ގެތަކުގެ މަގުފާރު ކައިރީ ވެސް ކޮޕީ ފަތް ހެއްދިއެވެ.

"ސްކޫލުގެ ގޯތިތެރޭގައި ގަސް އިންދާނެ މާ ބޮޑު ޖާގައެއް ނޯވޭ. ޖާގަ ހުރި ގޮތުން އެކިއެކި ތަންތަން ކޮޅުގައި ޕޮޓުތައް ބަހައްޓައިގެން ވަރަށް އުނދަގުލުން މަސައްކަތް ކުރަނީ. އެހެންވެ އެންމެ އެދެވޭ ގޮތަށް އެ މަސައްކަތް ކުރެވޭކަށް ނޯވޭ" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މިރުސް ގަސްތަކުން މިހާރުވެސް 3ކިލޯ މިރުސް ކަނޑާފައިވާ ކަމަށާއި ރޯދަމަހުގެ ތެރޭގައި ވެސް މިރުސް ކަނޑައިގެން ވިއްކޭ ވަރުވާނެ ކަމަށެވެ. އިންދުނުލެއް ލަސްކަމުން ލެޓިއުސް ކަނޑޭވަރުވާނީ ރޯދަމަހުގެ ފަހުދިހަ ހިސާބުގައި ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ދެއްވާ ޔަގީންކަމަކީ ބޮޑުފުޅުދޫގެ ރައްޔިތުންނަށް ރޯދަމަހު ބޭނުންވާ ވަރަށް ކޮޕީފަތް ނެރެވޭނެ ކަމެވެ.

ރޯދައަށް އަމާޒުކޮށްގެން އެ ސްކޫލުން 200 އެއްހާ ކޮޕީފަތް ގަސް އިންދިއެވެ.

"ކޮޕީފަތް ހުސްނުވެ، ރޯދަމަހު އެކީ ބޭނުންކުރެވޭ ވަރަށް ލިބޭނެ" ހަސަން ވިދާޅުވިއެވެ.

ރޯދައަށް އަމާޒުކޮށްގެން ތިން ބާވަތް ނެރެން ދަރިވަރުން މަސައްކަތް ފެށީ މީގެ ތިން މަސް ކުރިންނެވެ.

ހަސަން ވިދާޅުވީ، މި ތިން ބާވަތް ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރަނީ އެ ސްކޫލުގައި ދަރިވަރުން ލައްވައި ދަނޑުވެރިކަމުގެ ބާވަތްތައް ހައްދަން ކަމަށާއި އެ މަސައްކަތަށް އެކަށީގެންވާ ޚަރަދެއް ވެސް ހިނގާކަމަށެވެ.

"ދަރިވަރުން ލައްވައި ދަނޑުވެރިކަން ކުރަން ސީދާ ބަޖެޓެއް ނޯވޭ. މިއީ އެކަށީގެންވާ ޚަރަދުތަކެއް ވެސް ހިނގާ ކަމެއް. އެހެންވެ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވެން އަންނަނީ ދަރިވަރުން ލައްވައި ތަކެތި ހައްދައި އެ ވިއްކައިގެން ލިބޭ އެއްޗެއް ބޭނުން ކޮށްގެން. އަދި އެއާއެކު މަސައްކަތް ކުރަމުންދާއިރު ދަރިވަރުންނަށް އިންޓަވަލް ފަދަ ތަކެތި ވެސް ހޯދަންޖެހޭ. އެއީ ވެސް މީގެ ތެރެއިން އަޅުގަނޑުމެން ކުރާ ޚަރަދެއް" ހަސަން ވިދާޅުވިއެވެ.

ބޮޑުފޮޅުދޫގައި 200 ކައިރިކުރާ އަދަދެއްގެ ދަރިވަރުން، ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *