އެމްއެންޔޫ މެރަތަން: ބޭރުގެ 80 ދުވުންތެރިންނާއެކު 1100 ދުވުންތެރިން، ބޮޑު ކާމިޔާބެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެރަތަންގައި ބޭރުގެ 80 ދުވުންތެރިންނާއެކު 1100 އެއްހާ ދުވުން ތެރިން ބައިވެރިވިއެވެ. މިއީ މަތީ ތަޢުލީމީ ފޯރުކޮށްދޭ މުއައްސަސާއަކުން ރާއްޖޭގައި ބޭއްވި ފުރަތަމަ މެރަތަންއެވެ.

ރޭ 2:00ގައި ފެށި މި މެރަތަންން ނިންމީ މިއަދު ހެނދުނު 8:00ގައެވެ.

މެރަތަން ކުރިއަށް ގެންދިޔައީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފުލް މެރަތަންއާއި ހާފް މެރަތަންއާއި 10ކިލޯ މީޓަރު އަދި 5ކިލޯ މީޓަރު ދުވުމެވެ.

އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީގެ ފުރަތަމަ މެރަތަންގައި 1100 އެއްހާ ދުވުންތެރިން ބައިވެރިވިއިރު، ބޭރުގެ 80 ދުވުންތެރިން ބައިވެރިވުމަކީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ކާމިޔާބު ކަމާއެކު މެރަތަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްއެންޔޫ މެރަތަންގައި ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ މޮޅު ތިން ދުވުންތެރިން، އަންހެން އަދި ފިރިހެން ވަކިން އިނާމް ވަނީ ކަނޑައަޅާފައެވެ.

މެރަތަންގެ އިނާމްތައް:
  • މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާ
  • ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎7,500  ރުފިޔާ
  • 10ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5,000 ރުފިޔާ
  • ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 3,000 ރުފިޔާ

އެމްއެންޔޫއިން ބުނީ، މެރަތަންގެ ކާމިޔާބީއާއި އަދި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ޚާއްޞަ ހަފްލާއެއް އަންނަ ހަފްތާގެ ތެރޭގާއި ބާއްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *