ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ނައުފަލް އިސްވެ ހިންގަމުންދާ ޕްރޮގްރާމް ރޯދައަށް މެދުކަނޑާލަނީ

ރޯދައަށްފަހު ޕްރޮގްރާމް ފަށާނީ އައްޑޫ ސިޓީން

ސްކޫލްތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ނައުފަލް މޫސާ އިސްވެ ހިންގަމުންދާ ޕްރޮގްރާމް ރޯދައަށް މެދުކަނޑާލަން ނިންމައިފިއެވެ.

ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނައުފަލް ހިމްގަމުން ގެންދަނީ ސްޕޯޓްސް މިނިސްޓްރީއާއި ސްވިމިން އެސޯސިއޭޝަނާ ގުޅިގެންނެވެ. މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަންގެ ސްވިމިންގ ސްޓްރަކްޓަރެކެވެ.

އެންމެ ފަހުން ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގީ ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށެވެ. އޭގެ ކުރިން އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކާއި ލާމު އަތޮޅުގެ ހަތް ސްކޫލެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ރެކޯޑް އޮތީ ނައުފަލުގެ އަތުގައެވެ.

ތުޅާދޫގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ބެލެނިވެރިންގެ ވެސް  އިސްނެގުމާއެކުގައެވެ. މި ޕްރޮގްރާމުގައި އެ ސްކޫލުގެ ކީ ސްޓޭޖް އެކަކާއި ދޭއްގެ ހުރިހާ ކުދިން ބައިވެރިވިއެވެ.

ފަތަން ދަސްކޮށްދިނުމުގެ މި ހަރަކާތުގެ ތެރެއިން ހެލްތް އެންޑް ޕީ އީގެ ސިލަބަހުގައި އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބައިތައް ކިޔާ ދިނުމުގެ އިތުރުން ފަތަން ދަސްކޮށްދިނުމާއި ޔުނީފޯމް ބޮޑީޒްތަކުގައި ކަނޑައެޅިފައިވާ ބައިތައް ކުރިއަށް ގެންދިޔައެވެ.

މީގެ އިތުރުން ލިޓްލްމެއިޑް، ކަބްސްކައުޓްގެ ދަރިވަރުންގެ ތެރެއިން ފެތުމުގެ ބެޖު ހާސިލުކުރާ ދަރިވަރުންނަށް ބެޖު ހާސިލުކުރުމުގެ ބައިތައް ކިޔާދިނުމާއި ޓެސްޓް ކުރުން ވެސް ކުރިއަށް ގެންދިޔައެވެ.

ނައުފަލް ބުނީ، ސްކޫލްތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމް ރޯދައަށް މެދުކަނޑާލާނެ ރޯދައަށްފަހު ދެން ފަށާނީ އައްޑޫ ސިޓީގައި ކަމަށެވެ. މިދިޔަ މަހުގެ ތެރޭގައިވެސް އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ. އޭގެ ކުރިން ލާމުގެ ހަތް ސްކޫލެއްގައި ވެސް ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ވަނީ ހިންގާފައެވެ.

ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވިދާޅުވީ، ފަތަން ދަސްވުމުގެ އިތުރުން، ފެތުމުގެ ހުނަރު ކުދިންގެ ކިބައިގައި އަށަގެންނެވިއްޖެ ކަމަށެވެ.

"ބަނދަރުމަތިން ދަރިވަރުން ފުންމާލައިގެން ފަތާލާފައިދިޔަ މަންޒަރަކީ ހިތަށް އުފާވެރިކަން ގެނުވި މަންޒަރެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.

ބެލެނިވެރިން ފާހަގަކުރާ ގޮތުގައި މަދު ދުވަސްތަކެއްގެ ތެރޭގައި ދަރިވަރުންނަށް ފަތަން ދަސްކޮށް ދެވެނީ، ނައުފަލް ގެ ތަޖުރިބާއާއި ހުނަރުގެ ސަބަބުންނެވެ. އަދި ކުދިންނާ މުއާމަލާތް ކުރާގޮތާއި ގެންގުޅޭ ޑިސިޕްލިންއަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލެނިވެރިން ފާހަގަކުރާ ކަންތައްތަކެވެ.

ކުޅިވަރާއި މީހުން ތަމްރީނު ކުރުމުގެ ދާއިރާއިން ނައުފަލްއަށް 2018 ވަނަ އަހަރު ވަނީ ހިތްވަރު ދިނުމުގެ އިނާމް ލިބިފައެވެ. މީހުންނަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް އޭނާ ފެއްޓީ 2000 ވަނަ އަހަރުން ފެށިގެންނެވެ. މެދުކެނޑުމެއް ނެތި އެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވާތާ މިއީ 25 ވަނަ އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *