އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކެއް އެމްކިޔުއޭއިން ޤަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކެއްގައި ހިންގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މޯލްޑިވްސް އެކްރެޑިޓޭޝަން އޮތޯރިޓިން މިއަދު ބުނީ، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިސްތިހާރުކޮށް، ހިންގާ އަދި ސަނަދު ދީފައިވާ ކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ އިދާރާތަކުން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެމްކިޔުއޭއިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އޮތޯރިޓީން ޤަބޫލުނުކުރާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މަތީ ތަޢުލީމް ދޭ މަރުކަޒުތަކަށް ޕްރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދީފައިވާނީ ރާއްޖޭގައި ހިންގުމަށް ވާތީ، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީގެ ހުއްދައާ ނުލައި ރާއްޖެއިން ބޭރުގައި ހިންގުމަށްފަހު، ދަރިވަރުންނަށް ދެވޭ ސެޓްފިކެޓް ޤަބޫލު ނުކުރާނެ ކަމަށް އެމްކިޔުއޭއިން ވަނީ ބުނެފައެވެ. ހުއްދަ ނެތި ޕްރޮގްރާމް ހިންގައި ސަނަދު ދިނުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެ ގެއްލުމުގެ ޒިންމާ އެމްކިޔުއޭއިން ނުނެގެނޭ ވާހަކަ ވެސް އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތގާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެމްކިޔުއޭއިން ބުނެފައިވަނީ، މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަމަށް އެ އޮތޯރިޓީން ދެކޭ ހިނދު، އެކަމާ ގުޅުން ހުރި އުޞޫލެއް އެކުލަވާލައި އާންމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލު