ވާދޫ ސްކޫލުގެ ހޯމް ސައިންސް ލެބުގައި ދަރިވަރުން އުފައްދާ ފޮތިކޮތަޅަށް ރިސޯޓްތަކުން މާކެޓް ހޯދަނީ

ރ. ވާދޫ ސްކޫލުގައި ހޯމް ސައިންސް ލެބެއް ހުޅުވައިފިއެވެ. އެ ލެބް ހުޅުވީ މިއަދު އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ވާދޫ ސްކޫލުން ޤާއިމް ކުރި ހޯމް ސައިންސް ލެބްގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ފެހުމާއި އާޓްގެ މަސައްކަތްތަކެވެ.

ވާދޫ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ދަރިވަރު  ނޫހަށް މިއަދު ވިދާޅުވީ، އެފަދަ ލެބެއްގެ ޚިޔާލު އިއްޒުއްދީނުގައި މަސައްކަތް ކުރެއްވިއިރު ވެސް ގެންގުޅުއްވި ކަމަށާއި، ވާދޫ ސްކޫލުގައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ، އެކަމަށް ތައްޔާރު ކުރެއްވި ޕްރޮޕޯސަލަށް، ބައެއް ރިސޯޓްތަކާއި ހެޔޮއެދޭ ފަރާތްތަކާއި ޕީޓީގެ އެހީތެރިކަން ލިބިގެން ކަމަށެވެ. އެ ލެބަށް ގާތްގަޑަކަށް 50،000 ރުފިޔާ ޚަރަދުވި ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، ހޯމް ސައިންސް ލެބުން އެންމެ އިސްކަމެއް ދީގެން ކުރާނެ މައިގަނޑު އެއްކަމަކީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅު ބޭނުން ކުރަން ބާރުއެޅުމާއެކު، ރީތި ކުރެހުންތަކެއް އެކުލެވޭ ފޮތިކޮތަޅު ދަރިވަރުން އަމިއްލައަށް ތައްޔާރުކޮށް އެ އިސްތިހާރު ކުރުމެވެ. ފޮތިކޮތަޅު ފެހުމާއި ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެސް ދަރިވަރުންނެވެ.

"އެންޓަރޕްރެނިއަރއެއްގެ ގޮތުގައި ދަރިވަރުން އުފައްދާ ކޮތަޅު ރިސޯޓްތަކުގައި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް މީގެ އެއްބައި. މިހާރުވެސް އެއް ރިސޯޓަކާއެކު އެ މަޝްވަރާތައް ކުރިއަށް އެބަގެންދަން. އަދި އިތުރު ރިސޯޓްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ވަށައިޖެހޭ ކުޑަ ވިޔަފާރިއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށާއި އެ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ވެސް ފެހުމާއި އާޓްސްގެ ދާއިރާގެ އެންމެ އަސާސީ ހުނަރު ދަސްވެފައި ހުރި ކުއްޖެއްކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް ވަކި ގުރޭޑަކުން މައްޗަށް ބޭސިކް ހުނަރު ދަސްކޮށްދީ، ސްކޫލް ލެވެލްގައި ސެޓްފިކެޓެއް ވެސް އަޅުގަނޑުމެން ދޭނަން" އިސްމާއިލް ވިދާޅުވިއެވެ.

" ސްކޫލަކީ ހަމައެކަނި ޓެސްޓް ޕޭޕަރަކަށް ޖަވާބުދޭ ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ސްކޫލް ނިމުމަށްފަހު ނުކުމެ ކުރާނެ މަސައްކަތެއް ދަސްކުރާ ތަނަކަށް ސްކޫލްވުން އެއީ އަޅުގަނޑުމެންގެ މަޤްޞަދަކީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *