ކިނޮޅަހު ސްކޫލު ޕީޓީއޭގެ "ރަށުރަހަ" އިން 168،000އަށް ވުރެ ގިނަ ރުފިޔާ

ޑިނަރނައިޓް ބާއްވަން އެ ސްކޫލުން ބެލީ ކިހާދޫ ސްކޫލާއި ކުޑަރިކިލު ސްކޫލުގެ ތަޖުރިބާއަށް

ރ. ކިނޮޅަހު ސްކޫލުގެ ޕީޓީއޭގެ ޑިނަރނައިޓް "ރަށުރަހަ" އިން 168،000އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިއީ އެންމެ 700 މީހުންގެ އާބާދީއެއް ދިރިއުޅޭ އެ ރަށު ސްކޫލުގެ ތާރީޚުގައި ވެސް މިފަދަ ހަރަކާތަކުން ހޯދި އެންމެ ގިނަ ފައިސާއެވެ. ދަރިވަރުންގެ ކުރިއެރުމަށް، ޕީޓީއޭއިން ކުރާ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދަން އެ ހަރަކާތް ބޭއްވިއިރު، އެ ހަރަކާތުގެ ތެރެއިން ފެނިގެން ދިޔައީ ރަށު ރައްޔިތުންގެ އެއްބައިވަންތަކަމެވެ. އެކުވެރިކަމާއި ބަދަހިގުޅުމެވެ. ކުޑަކުއްޖެއް ބޮޑުމީހެއް ތަފާތެއް ނެތި އެންމެންގެ ޝާމިލުވުމާއި ބައިވެރިވުމެވެ.

އިޖްތިމާއީ އެ ބޮޑު ހަރަކާތް ކިނޮޅަހު ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޝަޒީލް ސިފަކުރެއްވީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. އެ ހަރަކާތުގެ ތެރެއިން ސްކޫލާއި ރައްޔިތުންނާ އޮތް ގުޅުން ގާތްވެއްޖެއެވެ. ސްކޫލާއި ދަރިވަރުންގެ ތަރައްޤީ ކުރާ ކަންކަމުގައި އެއް މިސްރާބަކަށް ދަތުރު ކުރުމުގެ ރޫޙެއް ކުރިއަށްވުރެ ބޮޑަށް އުފެދިއްޖެއެވެ. އެއީ ފައިސާއިން އަގުކުރެވޭނެ ކަމެއް ނޫނެވެ.

ޝަޒީލް ވިދާޅުވި ގޮތުގައި، ކުޑަކުޑަ އާބާދީއޮތް އެރަށުގައި، ޕީޓީއޭއިން ހިންގާ މަސައްކަތު ދުވަސްފަދަ ހަރަކާތްތަކުން ލިބެނީ އެންމެ ގިނަވެގެން 12،000 އެންހާ ރުފިޔާއެވެ. އެއީ ކުރަންޖެހޭ ޚަރަދުތަކަށް ބަލާއިރު އެއްވެސް އެއްޗަކަށް ނުވެއެވެ. އެހެންވެ އޭނާ އިސްނަންގަވައި ޕީޓީއޭގެ މެމްބަރުން ގޮވައިގެން ދަތުރުކުރެއްވީ އެހެން ސްކޫލްތަކުގެ ޕީޓީއޭއިން ޑިނަރނައިޓް ފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތް ބަލައި ދިރާސާ ކުރުމަށެވެ.

"ކަމެއް ރަނގަޅަށް ކުރަންޏާ އެހެން މީހުން ކަންކުރާ ގޮތް ބަލައި ދަސްކުރަންޖެހޭ. އަޅުގަނޑުމެންގެ ކިނޮޅަހުގައ އޮތް އާބާދީއަށް ވިސްނައިގެން ހަރަކާތެއް ހިންގައިގެން އެއިން އެކަށީގެންވާ އެއްޗެއް ނުލިބޭ. އެހެންވެ އެހެން ސްކޫލްތަކުގެ ތަޖުރިބާ ހޯދަން ބޭނުންވީ" ޝަޒީލް ވިދާޅުވިއެވެ.

ޕީޓީއޭގެ މެމްބަރުންނާއެކު އޭނާ ފުރަތަމަ ވަޑައިގެންނެވީ ބ. ކުޑަރިކިލަށެވެ. އެރަށު ސްކޫލުގެ ޕީޓީއޭއިން ކޮންމެ އަހަރަކު ބާއްވާ "ބޮޑުކޭން" ކުރިއަށް ގެންދާގޮތް ބެއްލެވުމަށެވެ.

"ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އެ ސްކޫލުގެ އެބޭފުޅުން ކިޔައިދެއްވީ އެހަރަކާތް ރާވާގޮތާއި ކުރިއަށް ގެންދާ ގޮތް. އެއިން ނަތީޖާ ނެރޭ ގޮތް" ޝަޒީލް ވިދާޅުވިއެވެ.

ޝަޒީލް ވިދާޅުވީ، ބ. އަތޮޅު ކިހާދޫ ސްކޫލުގެ "ދިވެހި ސުފުރާ" އަކީ ވެސް ކުރިއަށް ގެންދާތާ ގިނަ ދުވަސްވީ ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެ ސްކޫލުން އެ ހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއި ކައިރީގައި އޮތް ރިސޯޓްތަކުގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ގޮސް ކިހާދޫ ސްކޫލުގެ "ދިވެހި ސުފުރާ"ގައި ބައިވެރިވިން. އަމަލީ ގޮތުން އެ ހަރަކާތް ކުރިއަށް ގެންދާގޮތް ބެލިން. ރަށުގެ ރައްޔިތުން އެ ހަރަކާތަށް ތައްޔާރުވާ ގޮތް ތަޖުރިބާކުރިން" ޝަޒީލް ވިދާޅުވިއެވެ.

ޝަޒީމް ވިދާޅުވީ، ކުޑަރިކިލު ސްކޫލާއި ކިހާދޫ ސްކޫލުން ލިބުނު ތަޖުރިބާއަށް ބަލައި ޕްލޭނަކާއެކީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އަދި ރަށުގެ ހުރިހާ ރައްޔިތުންނާ ބައްދަލުކޮށް އެ ސްކޫލުން ބޭނުންވާ ގޮތާއި ނެރެން ބޭނުންވާ ނަތީޖާ ތަފުޞީލުކޮށް ކިޔައިދެއްވި ކަމަށެވެ.

"ކިނޮޅަހު ރައްޔިތުންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެއް. އެ ބައްދަލުވުމުގައި އަޅުގަނޑު އެދުނީ، ދެ ކަމެއް ކޮށްލަ ދިނުމަށް. އެއީ އަމަލީ ގޮތުން މަސައްކަތުގައި ހަރަކާތްތެރިވުން ނޫނީ ތަކެތީގެ ގޮތުން ދެވޭ އެހީތެރިކަމެއް ވެދިނުމަށް" ޝަޒީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ސްކޫލުން އެދުނު ގޮތަށް ހުރިހާ ކަމެއްގައި ރަށުގެ ރައްޔިތުންގެ މަސައްކަތް ކުރިއެވެ.

"ރަށުރަހަ" ޑިނަރނައިޓްގައި ތައްޔާރުކުރީ މުޅިންވެސް ދިވެހިންގެ މައިގަނޑު ކޭމެވެ. އެއާއެކު ދިވެހިންގެ ލުއިކާނާގެ ގޮތުގައި ތައްޔާރު ކުރާ ކުޅިކާތަކެއްޗާއި ފޮނިކާތަކެއްޗެވެ. އޭގައި ހިމެނެނީ ކުދިކުޅައާއި ހުނިހަކުރާއި ބަޖިޔާއާއި ފަޅޯއަސާރައާއި މުރުމުރުއާއި މައިލޯމަދުރޮއްޓާއި މަދުގަޑަނޑާއި ކުޅިރޮއްޓާއި އަތުޖެހިއާއި ކުޅިވެންބޮޅުގެ އިތުރުން މާޖެއްސިގުޅަ ހިމެނޭހެން އެފަދަ ތަފާތު ބާބަތްތަކެވެ. އެ ތަކެއްޗަށް ޚާއްޞަ ސްޓޯލެއްވެސް "ރަށުރަހަ"ގެ ނަމުގައި ވަކިން ތައްޔާރުކުރިއެވެ.

ޑިނަރނައިޓްގެ ޓިކެޓް ވިއްކީ 190 ރުފިޔާއަށެވެ. ޚާއްޞަ ޓިކެޓްގެ ނަމުގައި ގޯލްޑަން ޓިކެޓް ވިއްކީ 5000 ރުފިޔާއަށެވެ. ކުޑަރިކިލު ސްކޫލާއި ކިހާދޫގެ ސްކޫލުގެ ތަޖުރިބާގެ އަލީގައި ގެސްޓުންނަށް އަމާޒުކޮށް ރ. އަތޮޅުގައި ހުރި ރިސޯޓްތަކަށް ވެސް ދައުވަތާއެކު ޓިކެޓް ބުކްކުރިއެވެ.

ޝަޒީލް ވިދާޅުވިގޮތުގައި ޑިނަރނައިޓަށް ވިއްކަން ކަނޑައެޅި 700 ޓިކެޓްގެ ތެރެއިން ނުވިކެނީ މަދު ޓިކެޓް ކޮޅެކެވެ. އެއީ ވެސް ދަތުރުފަތުރާއި ތަފާތު އެކި ސަބަބުތައް ދިމާވެގެން ރިސޯޓްތަކުން އަންނަން ޖެހޭ ފަރާތްތަކަށް ނާދެވިގެން ކެންސަލް ކުރަންޖެހުނު ޓިކެޓްތަކެވެ.

"މިފަދަ ފުރަތަމަ ހަރަކާތަށް ބަލައި، ކުޑަކުޑަ އާބާދީއަކަށް މި ނެރެވުނީ އެކަށީގެންވާ ބޮޑު އަދަދެއް. މިއީ ފެށުމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވެސް ރަނގަޅު ކުރެވޭނެ"

ރަށުގެ ރައްޔިތުންގެ މެދުގައި އުފެއްދި ވަރުގަދަ ޖޯޝާއި ފޯރި ނެރެވުމަކީ ވެސް ކިނަޅޮހު ސްކޫލަށް ހޯދުނު ބޮޑުކާމިޔާބެކެވެ. ޕްރިންސިޕަލް ޝަޒީލްއަށް ލިބުނު އުފަލަކީ ބ. އަތޮޅުން ލިބުނު ތަޖުރިބާގެ އަލީގައި އެކަން ކުރި ފުރަތަމަ ބަޔަކަށް ރ. އތޮޅުން އެ ސްކޫލަށް ވެވުނީމައެވެ. އެއީ މުޅި ރ. އަތޮޅަށް ބަލާއިރު ވެސް ބޮޑު ހަރަކާތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *