ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ކަލައިދޫގައި، ނާސަރީ އާއި ބޭބީ ނާސަރީއަށް ކިޔަވައިދޭން ޕްރީ ސްކޫލެއް ހުޅުވައި ކިޔަވައިދޭން ފަށައިފިއެވެ.
ކަލައިދޫ ޕްރީ-ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ސްކޫލް ހުޅުވައި ދެއްވީ ލ. މުންޑޫ ކައުންސިލްގެ ރައީސް އާދަމް ނާޞިފެވެ.
ކައުންސިލުން އަލަށް އިމާރާތް ކުރި މި ސްކޫލުގައި ތިން ކުލާސްރޫމް ހުރެއެވެ. ކިޔެވުން ފެށީ މީގެ ތެރެއިން އެއް ކުލާސްރޫމް ނިންމުމަށްފަހުއެވެ. މި ސްކޫލުގައި މި ވަގުތު 22 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ކަލައިދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ނާސަރީއަށް ކިޔަވައިދެވޭނެ ސްކޫލެއް ހުޅުވިގެން ދިޔައީ އެ ރަށު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެކަމުގައި ރަށުގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށެވެ.
ކައުންސިލުން ބުނީ، އެ ސްކޫލުގެ މަސައްކަތް އެކީ ނިމިގެންދާއިރު ޤުރުއާން ކިޔެވުމުގެ އިންތިޒާމް ވެސް ހަމަޖެހިގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.
ބޭބީ ނާސަރީއާއި ނާސަރީއަށް މި ސްކޫލުން ކިޔަވައިދެމުން ގެންދާއިރު، ދަރިވަރެއްގެ އަތުން މަހު ފީއެއްގެ ގޮތުގައި ނަގަނީ 250 ރުފިޔާއެވެ. ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ މި ސްކޫލުގައި މި ވަގުތު ދެ ޓީޗަރުންނާއި ސަޕޯޓް ސްޓާފެއްގެ ގޮތުގައި މީހަކު މަސައްކަތް ކުރަމުން ގެންދެއެވެ.
ހިޔާލު