ދަނޑުވެރިކަމުގައި ޒުވާނުންގެ ނިސްބަތަކީ އެންމެ 6.9 އިންސައްތަ، ޒުވާނުން ދަނޑުވެރިކަމަށް ޝައުޤުވެރި ކުރުވަން ޖެހޭ

ދަނޑުވެރިކަމުގައި ޒުވާނުންގެ ނިސްބަތަކީ އެންމެ 6.9 އިންސައްތަ ކަމަށާއި  ޒުވާނުން ދަނޑުވެރިކަމަށް ޝައުޤުވެރި ކުރުވަން ގޮތް ތަކެއް ހޯދަންޖެހޭ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ، އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާއަކީ އެންމެ 6.9 އިންސައްތަ ކަމަށެވެ. ދަނޑުވެރިކަމުގެ ސިނާޢަތެއް ހޯދަން ޒުވާނުން އެ ދާއިރާއަށް ޝަޢުގުވެރިކުރުވާ، ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ޑރ. މާރިޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ބޭރުން ކަމަށާއި ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާ ކުރަނީ އެންމެ 1.2 އިންސައްތަ ކަމަށެވެ. އަދި ވިދާޅުވީ ދަނޑުވެރިކަން ކުރާ މީހުންގެ ދަފްތަރުގައި ތިބީ 7600 ދަނޑުވެރިން ކަމަށެވެ.

"ދަފްތަރުގައި ތިބި 7600 ދަނޑުވެރިންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ އެންމެ 6.9 އިންސައްތަ. ދެމެހެއްޓެނެވި ދަނޑުވެރިކަމެއް ކުރާއިރު ޒުވާނުންގެ ޝައުޤުވެރިކަން މި ދާއިރާއަށް ވަރަށް މުހިންމު. ޒުވާނުންގެ މި ދާއިރާއަށް ޝައުޤު އުފައްދަން ގޮތްތަކެއް ހޯދަންޖެހޭ" ޑރ. މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް ކުރިއަރުވަން ބަލާއިރު ބައިވަރު ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

" ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަމެއް ކުރުމަށް އޮން އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުން"

އިތުރު ގޮންޖެހުންތަކެއްގެ ގޮތުގައި އެކަމަނާ ފާހަގަ ކުރެއްވީ، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި މާލީ އެހީ ހޯދުމާއި ދަނޑުވެރިން ހައްދާ ތަކެތި ވިއްކަން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އޮތް ދަތުރުފަތުރުގެ ދަތިކަމާއި އެ ތަކެއްޗަށް މާކެޓް ހޯދުމެވެ.

ވަޒީރު ވިދާޅުވީ، މިފަދަ ކޮންފަރެންސެއްގެ ސަބަބުން ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ދިރާސީ ނަޒަރަކުން ވިސްނުންތަކެއް ނެރެވޭނެ ކަމަށެވެ.

މި ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *