ރޯދައަށް ތައްޔާރު ވުމުގެ ގޮތުން ވ. ކެޔޮދޫ، ޒައިދު ބުނި ސާބިޠު މިސްކިތުގައި ކުލަލީ އެ ރަށު ސްކޫލުގެ ދަރިވަރުނެއެވެ. މިއީ އެ ސކޫލުގެ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކެޔޮދޫ ސްކޫލުން ބުނިގޮތުގައި، ދަރިވަރުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ހުރިހާ ސްޓާފުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. ކުލަލުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވީ ގުރޭޑް 7ން މަތީގެ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޓީއޭގެ މެމްބަރުންގެ ފަރާތުން ތައްޔާރު ކުރި ޖޫސް ފޯރުކޮށްދިނުމުގައި އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 6އާ ދެމެދުގެ ދަރިވަރުން އަމަލީ ގޮތުން ބައިވެރިވިއެވެ.

ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، ރޯދައަށް މިސްކިތް ޒީނަތްތެރި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ކައުންސިލުގެ ފަރާތުން ކޮންމެ އަހަރަކު ވެސް އިއުލާން ކުރާ ކަމަށެވެ. މި އަހަރު ކުރި އިއުލާނާ ގުޅިގެން މިސްކިތުގެ ކުލަ ލުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރަން އިސްނެގީ އެ ސްކޫލުގެ އިސްލާމް ކުލަބުގެ ފަރާތުން ކަމަށް ޒައީމާ ވިދާޅުވިއެވެ.

މިސްކިތުގައި ލާނެ ކުލައާއި ކުލަލާން ބޭނުންކުރާނެ އާލާތްތައް ހަމަޖައްސައި ދިނީ ކައުންސިލުގެ ފަރާތުންނެވެ. އަދި އެކަމުގައި ދީލަތި ފަރާތްތަކުން ވެސް އެ ސްކޫލަށް އެފަދަ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޒައީމާ ވިދާޅުވީ، ދަރިވަރުން ކުލަލުމުގެ މަސައްކަތް ކުރީ ޝައުޤުވެރިކަމާއެކު ކުރާ ހިތުން ކަމަށެވެ. އެކަމުގައި ދެ ޖިންސްގެ ދަރިވަރުން ބައިވެރިވިއެވެ.

"ހުރިހާ ދަރިވަރުން ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކޮށް، ތިން ގަޑިއިރުގެ ތެރޭގައި ކުލަލައި ނިންމާލައިފި" ޒައިމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލުގެ ސްޓާފުންގެ ފަރާތުން އެރަށު މިސްކިތަށް ފައިފުހި ހަދިޔާކުރުން ވެސް މި ހަރަކާތުގެ ތެެރެއިން ކުރިއަށް ގެންދިޔައެވެ.

ކެޔޮދޫ ސްކޫލުގައި 200 އެއްހާ ދަރިވަރުން ފައުންޑޭޝަނުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.


advertisment
ހިޔާލު