ޤައުމީ ޤުރުއާން މުބާރާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް ނިންމައި، މި އަހަރުގެ ބަޖެޓްގައި އެ ޚަރަދުތައް ހިމަނާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ޤައުމީ ޤުރުއާން މުބާރާތް ގިނަ އަހަރުތަކެއް ވަންދެން ހިގަމުން އައީ ތަނަވަސް ފަރާތްތަކުން ދެއްވާ ފައިސާއިން ބޮޑު ޚަރަދެއް ކޮށްގެންނެވެ. އަދި ބައެއް ފަރާތްތަކުން އެ މުބާރާތް ސްޕޮންސަރވެސް ކުރެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ޤުރުއާން މުބާރާތް މި އަހަރުން ފެށިގެން ބާއްވާއިރު، މި އަހަރު ބާއްވާ މުބާރާތަށް ދާނެ އަދަދެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
advertisment
ހިޔާލު