ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މިފަހަރު އަލަށް ތަޢާރަފުކޮށްފައިވާ މާސްޓރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަން އަކީ މިހާތަނަށް ރާއްޖޭގެ މަތީ ތަޢުލީމު ދޭ މުއައްސަސާތަކުން ތަޢާރަފުކޮށްފައިވާ ކޯސްތަކާއި މުޅި ތަފާތު ގޮތަކަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގެ ބައިވެރިންނަށް ފަހިކޮށްދީފައިވާ ފުލެކްސިބަލް ގޮތްތަކަކީ މީގެ އެންމެ ބޮޑު އެއް ހެއްކެވެ. ކޯހުގެ ބައިވެރިންނަށް ބޭނުންވާ ތިން ގޮތަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. އެއީ އެއްކޮށް ކޯސްވާރކް ނުވަތަ މޮޑިޔުލްތައް ނަގައިގެން ކިޔެވުން، ކޯސްވާރކާއެކު ރިސާރޗް ހަދައިގެން ކިޔެވުން، އަދި އެއްކޮށް ރިސާރޗެއްގެ ތެރެއިން ކިޔެވުމެވެ. މިތިން ބާވަތް ވެސް ހުޅުވާލެވިފައިވަނީ އެއްކޮށް (ފުލީ) އޮންލައިން އަދި ކުލާހަށް ހާޟިރުވެގެން ވެސް ކިޔެވޭ ގޮތަށެވެ.
މި ކޯސް ޚާއްޞަވާ ގިނަ ސަބަބުތަކެއް ފާހަގަކުރެވެއެވެ. އެއީ ކޮންމެ ދާއިރާއެއްގެ ޑިގްރީއެއް ހަދައިގެން ކޯހުގައި ބައިވެރިވި ނަމަވެސް އެމީހަކުގެ ބޭނުންވާ ދާއިރާއަކުން ދިރާސާ ހަދަންދަސްކޮށް ޢިލްމީ ކަރުދާސްތައް ލިޔަން މިޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ.
މިކޯހުގެ ޚާއްޞަވާ އެހެންކަންކަމުގެ ތެރޭގައި ކޯހުގެ ބައިވެރިންނަކީ އެކި ދާއިރާތަކުން ޑިގްރީ ޙާޞިލުކޮށްފއިވާ ތަފާތު ދާއިރާތަކުގެ ބައިވެރިންނަށް ވުމުން، މަލްޓިޑިސިޕްލިނަރީ (އެކި ޢިލްމުތައް ގުޅުވައިގެން) ހެދޭ ދިރާސާތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެއެވެ.

މިކޯހާއި އެހެން ކޯސްތަކާއި ތަފާތުވާ އަނެއް ސަބަބަކީ ކޯހުގެ ކިޔެވުން އެއްކޮށް އަމާޒުކުރެވިފައިވާނީ ހުނަރަށް ޚާއްޞަކޮށް ނުވަތަ ގާބިލިއްޔަތުތައް ތަރައްގީކުރުމަށެވެ. މިކޯހުގައި ފޮތުން ދަސްކޮށްގެން ހަދަންޖެހޭ އިމުތިހާނުތަކެއް ނޯންނާނެއެވެ. އެއާއި ޚިލާފަށް ކޯހުގެ ބައިވެރިންގެ ފެންވަރު އެއް އަހަރުގެ ތެރޭގައި ހުނަރުތައް ދަސްކޮށްދީ ކުރިއަރުވާ ތަރައްގީކުރުމަށެވެ. މިކޯހުގެ ދެވޭ ވަޒަންކުރުމުގެ ބާވަތްތަކުގައި އާންމު ކޯސްތަކާއި ތަފާތުގޮތްތައް ހިމެނެއެވެ. މިގޮތުން ޢިލްމީ ކަރުދާސްތައް ލިޔެ ހުށަހެޅުމާއި، ދިރާސީ ޕްރޮޖެކްޓްތައް ހެދުމާއި، ދިރާސީ ބަހުސްތަކުގެ ބައިވެރިވުމާއި، ޢިލްމީ ބަހުސްތައް ކުރުންފަދަ ކަންކަން ހިމެނެއެވެ.
މިކޯހުގެ ބައިވެރިން ކޯސް ނިމުމުން ލިބޭނެ އެންމެ ބޮޑު ފައިދާތަކަކީ ހައިބަތު ރަނގަޅު މަސައްކަތު ދާއިރާތަކަށް ފުރުސަތު ހުޅުވިގެން ދިއުމެވެ. އަދި ޢިލްމީ ވަޒީފާތަކަށް ފުރުސަތު ލިބުމާއެކު އެކި އެކި މުއައްސަސާތަކުގެ ދިރާސީ މަސައްކަތްތައް ކުރުމަށް ތަމުރީނު ލިބުމާއި، އަމިއްލަ ދިރާސީ ޕްރޮޖެކްޓްތައް ފެށުމެވެ. މީގެ އިތުރުން ދުނިޔެ ތަރައްގީވަމުން ދާއިރު، އަދި ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތައް ކުރުމަށް އަމިއްލަ ކޮމްޕެނީ ހަދާ، އާމުދަނީ ލިބޭ އަމިއްލަ ދިރާސީ މަސައްކަތްތައް ފެށުން ފަދަ މުހިންމު ފުރުސަތުތައް ވެސް މިކޯހުގެ ނިންމާ ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. މި ހުރިހާ ކަމެއްގެ އިތުރުން ބައިނަލް އަގުވާމީ ބޮޑެތި ފަންޑްތަކަށް ޕްރޮޕޯސަލް ލިޔުމާއި ދުނިޔޭގެ އެހެން ޢިލްމުވެރިންނާއެކު ދިރާސީ މަސައްކަތްތައް ކުރުމަށް ކޮލެބޮރޭޓިވް ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ފުރުސަތު ހުޅުވާދޭނެއެވެ.
ކުރުކޮށް ދަންނަވާލާނަމަ، މިއީ ވަރަށް އުއްމީދީ ކޯހެކެވެ. ކޯހުގެ އުއްމީދުތައް ގުޅިފައިވަނީ އަޅުގަނޑުމެންގެ މިކުޑަ ރާއްޖޭގައި ދިރާސީ މަސައްކަތްތަކަށް މީހުން ތަމުރީނުކޮށް ތަރައްގީކުރުމާއެކު ދިރާސީ މާހައުލެއް އުފެއްދުމާއެވެ. ކޯހަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވިފައިވާ ލިންކް ބޭނުންކުރައްވާށެވެ. https://forms.gle/UX38EhnDuYsaYQZe7 އަދި އޭގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޮޓްލައިން 1405 އަކާ ގުޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް ޔުނިވަރސިޓީގެ ވެބްސައިޓަށް www.ium.edu.mv ޒިޔާރަތްކޮށްލައްވާށެވެ.
advertisment
ހިޔާލު