ސެންޓްރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލެ އާއި ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ޓަކައި ޚާއްޞަ ހަފުލާއެއް ބާއްވައިފިއެވެ.
އިއްޔެ ސީއެޗްއެސްއީ ހޯލުގައި ކުރިއަށް ދިޔަ މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ގައުމީ އަރުޝީފްގެ ޑިރެކްޓަރ ޖެނެރަލް އަދި ކުޅަދާނަ ޝާޢިރު ފަރެސް މުޙައްމަދު ޢާމިރު އަޙުމަދެވެ. މި ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސްއާއި ލިޔުންތެރީންގެ ގުޅުމުގެ އިސްވެރީންނާއި ސީއެޗްއެސްއީގެ އިސްވެރީންނާއި ގިނަ ޢަދަދެއްގެ ޅެންވެރީން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު ވަނީ ޅެންވެރިކަމުގެ މުހިއްމުކަމާއި އަދަބިއްޔާތުގައި ޅެންވެރިކަމަށް ލިބިފައިވާ ދަރަޖަ ހާމަކޮށްދެއްވާފައެވެ. އަދި ރެޕް ލަވައަކީ ޅެންތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސުގެ މައްޗަށް ވަރަށް ކުރު ގޮތަކަށް ބައްލަވައިލެއްވިއެވެ.

މި ހަފުލާގައި ލިޔުންތެރީންގެ ގުޅުމުގެ ރައީސް ނިޝާން ޢިއްޒަތްދީނުގެ އިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމްގެ ވާހަކަފުޅުގައި ލިޔުންތެރީންގެ ޖަމިއްޔާގެ ފަރާތުން ޅެންވެރީންގެ ދުވަސް ފާހަގަކުރުމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު ޅެންވެރީންގެ ގިނަ ޖަމިއްޔާތަކެއް އުފެދިފައިވާތީ ޅެންވެރީންގެ ދުވަސް ލިޔުންތެރީންގެ ޖަމިއްޔާއިން ފާހަގަކުރުމުގެ ބަދަލުގައި ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސީއެޗްއެސްސީގެ ޕްރިންސިޕަލް ޢަބްދުﷲ ދީދީ ވެސް މި ހަފުލާގައި ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި އަދަބީ ކަންކަމުން ދަރިވަރުންނަށް ލިބޭ ފައިދާތަކާއި ޖަމިއްޔާތަކާއި ކަމާ ބެހޭ މުއައްސަސާތަކުން މިފަދަ އެހީތެރިކަން ދަރިވަރުންނަށް ލިބުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ އިއްޔެގެ ހަފުލާގައި ގިނަ ޝާޢިރުތަކެއް ވަނީ ޅެންވެރި ޝުޢޫރު ހުށަހަޅުއްވާފައެވެ. މިގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑަގެންފައިވާ ޢަބްދުﷲ އަފީފާއި، ރޯނުގޭ ޙަސަންމަނިކާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އާދަމް ހަލީމް އަދުނާން ވަނީ ޅެން ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޢަބްދުﷲ ޝާކިރު (ހަތިފުށީ ޝާކިރުބެ) އާއި ކަނީރު ޢަބްދުއްރަޙީމް އާއި އަމްޖަދު ރަޝާދާއި ފާޠިމަތު ނިޢުމާ ވެސް ޅެންވެރި ޝުޢޫރު ހުށަހެޅުއްވިއެވެ. މި ޅެންވެރީންގެ ތެރެއިން އެކި ބޭފުޅުން ހުށަހެޅުއްވީ ޅެމުގެ އެކި ވައްތަރުތަކެވެ.

މީގެ އިތުރުން ސީއެޗްއެސްއީގެ ދަރިވަރުންގެ ހުނަރު ވެސް މިހަފުލާގައި ފެނިގެންދިޔައެވެ. ޅެން ހުށަހެޅުމާއި ލަވަކިޔުމާއި ޅެންވެރިންނާއެކު ހަވީރުކުރުންފަދަ އައިޓަމްތަކެއް ދަރިވަރުންވަނީ ހުށަހެޅާދީފައެވެ. މީގެ އިތުރުން ޅެންވެރިންގެ ހަވީރުގެ ފަރާތުން ޢަބްދުﷲ ރަޝީދުގެ އެހީތެރިކަމާއެކު ސީއެޗްއެސްއީގެ ދެ ދަރިވަރަކު ވާދަ ރައިވަރު ވެސް ހުށަހެޅިއެވެ.

މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ސީއެޗްއެސްއީ އާއި ލިޔުންތެރީންގެ ގުޅުމުންވަނީ ސީއެޗްއެސްއީ ދަރިވަރުންނަށް މި މަހުގެ 19ވަނަ ދުވަހު ޅެންކުލާހެއް ވެސް ބާއްވާފައެވެ. އެ ކުލާހުގައި ކިޔަވައިދެއްވީ ކުޅަދާނަ ޝާޢިރު ފަރެސް މުޙައްމަދު ޢާމިރު އަޙުމަދެވެ. އެ ކުލާހުގައި 23 ދަރިވަރަކު ބައިވެރިވިއެވެ. އޭގެ އިތުރުން ޅެންމުބާރާތެއް ވެސް ވަނީ ބާއްވާފައެވެ. އިއްޔެ ބޭއްވުނު ހަފުލާގައި ވަނީ ޅެން މުބާރާތުގެ ނަތީޖާ ވެސް ފާޅުކޮށްފައެވެ.
ޅެން މުބާރާތުގެ 1 ވަނަ ހޯދީ ސީއެސްއެޗްއީގެ ސްކޫލް ކެޕްޓަން ޙައްވާ ޒާއިން ޒަމީލެވެ. މި ދަރިވަރު ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ޢާއްމުކޮށް ހުޅުވާލައިގެން 2024 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޅެންހެދުމުގެ މުބާރާތުން 2 ވަނަ ވެސް ހޯދައިފައެވެ. މުބާރާތުން ދެވަނަ ހޯދި ދަރިވަރަކީ އާމިނަތު ޒީކް ޝަމީނެވެ. 3 ވަނަ ހޯދީ އާމިނަތު ޖަންނާއެވެ. ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓާއި ތަށި ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު ފަރެސް މުޙައްމަދު ޢާމިރެވެ.

އިއްޔެގެ ހަފުލާގައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ނެރެމުން އަންނަ "ޅެންވެރިޔާ"ގެ ނުވަނަ ޢަދަދު ވެސް ނެރެނެވެ. މި އަދަދު ނެރެދެއްވީ ވެސް ޝަރަފުވެރި މެހުމާނެވެ.
ލިޔުންތެރީންގެ ގުޅުމުން އަންނަނީ އަދަބީ އެކި މުނާސަބާތަކާއި ހަފުލާތައް ރާއްޖެގެ އެކި ސުކޫލުތަކާ ގުޅިގެން ހިންގަމުންނެނެވެ. މިދިޔަ އަހަރުގެ ޅެންވެރީންގެ ދުވަސް އެ ޖަމިއްޔާއިން ފާހަގަކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ގުޅިގެންނެވެ.


advertisment
ހިޔާލު