ހއ. އަތޮޅު ކައުންސިލުން އެ އަތޮޅު ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބާއްވަން ބޭނުންވާ މާލީ އެހީތެރިކަމަށް އެދެން ހުޅުވާލައިފިއެވެ.
އެ އަތޮޅު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީ ދެނީ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުގެ 12:00 ކުރިން ޕްރޮޕޯސަލް ހުށައަޅާ ސްކޫލްތަކަށެވެ.
ހއ. ކައުންސިލުން ބުނީ، އެ ކައުންސިލުން މާލީ އެހީދޭން ނިންމީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިނުމަށެވެ.
ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤް ދަރިވަރު ނޫހަށް ވިދާޅުވީ، ސްޓަޑީ ކޭމްޕް ބާއްވަން އެ އަތޮޅުގެ ސްކޫލްތަކަށް މާލީ އެހީ ކޮންމެ އަހަރަކު ވެސް ދޭން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ، އެހީގެ ގޮތުގައި އެ ކައުންސިލުން ދޭން ނިންމާފައި ވަނީ ޕްރޮޕޯސަލް ހުށައަޅާ ކޮންމެ ސްކޫލަކަށް 10،000 ރުފިޔާ ކަމަށެވެ.
ހއ. އަތޮޅުގެ ސާދަ ސްކޫލަށް 140،000 ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
"އަޅުގަނޑުމެން މާލީ އެހީ ދޭނީ ހުށައަޅާ ސްކޫލްތަކަށް. އަދި އެގްރިމެންޓެއްގެ ދަށުން އެ ފައިސާ ސްޓަޑީ ކޭމްޕްތަކަށް ޚަރަދު ކުރުމަށް" މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ އަތޮޅު ކައުންސިލުގެ ބަޖެޓު ތަންދިން ވަރަކުން އަތޮޅުގެ ތައުލީމަށް ކުރެވެން ހުރި ޚަރަދެއް ކުރަމުންދާ ކަމަށެވެ.
ހިޔާލު