އެމްއެންޔޫއެސްޔޫގެ ފުރަތަމަ ތަޖުރިބާ ދަތުރު މެލޭޝިއާއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތަޖުރިބާ ދަތުރެއްގައި މެލޭޝިއާއަށް ފުރައިފިއެވެ.

މި ދަތުރުގައި 34 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުން ވެސް ހިމެނެއެވެ.

މި މަހުގެ 22ން 28އަށް ކުރިއަށް ދާ މި ދަތުރުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކަށާއި މަޝްހޫރު ސަރަހައްދުތަކަށް ދަރިވަރުން ޒިޔާރަތް ކުރާނެއެވެ. ދަރިވަރުން ޒިޔާރާތް ކުރާނެ ތަންތަނުގެތެރޭގައި މެނޭޖްމަންޓް ސައިންސް ޔުނިވަރސިޓީ (އެމްއެސްޔޫ) އަށާއި، އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ (އޭޕީޔޫ) އަށާއި، ޔުނިވަރސިޓީ ކެބަންގްސަން މެލޭޝިއާ (ޔޫކޭއެމް) ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އާޢިޝަތު ޝެހެނާޒް އާދަމާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފްވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަޖުރިބާ ދަތުރަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މެންހަޓަން ބިޒްނަސް ހޮޓެލް، އައިކެއާ، ދަމާސް، އަދި ޔޫނިއަނަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު،  ދަރިވަރުންގެ އަމިއްލަ ބައިވެރިވުން ވެސް ހިމެނޭކަން އެމްއެންޔޫއެސްޔޫއިން ބުނެއެވެ.

ދަރިވަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ދެވޭ މި ތަޖުރިބާގައި މެލޭޝިއާގެ ސަގާފަތާއި، ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތާއި، މެލޭޝިއާގެ ތާރީޚާގުޅޭ މުހިންމު މަޢުލޫމާތު ލިބިގެން ދާނެ ކަމަށް ވެސް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *