ޤައުމީ މަންޙަޖުގައި ހިމެނޭ ކީ-ސްޓޭޖު 4 (ގްރޭޑް 9 އަދި 10) ގެ ކެމްބްރިޖު އިންތިހާނުގެ މުޤައްރަރުތަކަށް ބޭނުންވާ ފޮތްލިޔުމާއި، މިފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ކެމްބްރިޖު އިންތިހާނުގެ މުޤައްރަރުތަކަށް ފޮތްތައް ލިޔާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ތައުލީމާއި ތަޖުރިބާގެ ތަފްޞީލް އެ މިނިސްޓްރީން ކުރި އިއުލާނާއެކު ހިމަނާފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކެމްބްރިޖު އިންތިހާނުގެ މުޤައްރަރުތަކަށް ފޮތްތައް ލިޔަން ޝައުގުވެރިވާ ފަރާތްތަކުން ފުރަތަމަ ހުށައަޅަން ޖެހޭނީ ޓެކްނިކަލް ޕްރޮޕޯޒަލެއް ކަމަށާއި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހަޅަން ފުރުސަތު ދެވޭނީ ޓެކްނިކަލް ޕްރޮޕޯޒަލްއިން އެންމެ މަތިން ޕޮއިންޓު ހޯދާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންލައިންކޮށް 2025 ފެބުރުވަރީ 03 ވާ ހޯމަ ދުވަހުގެ 13:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ.
ކެމްބްރިޖު އިންތިހާނުގެ މުޤައްރަރުތަކަށް ފޮތްތައް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޮސަލް ހުށައަޅަން ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ. ހުށައަޅަން ޖެހެނީ "ރިކުއެސްޓް ފޮރ ޕްރޮޕޯސަލް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޓެކްނިކަލް ޕްރޮޕޯސަލްއެވެ.
ކެމްބްރިޖު އިންތިހާނުގެ މުޤައްރަރުތަކަށް ފޮތްތައް ލިޔަން ދިވެހިންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމަށް ދިވެހި މުދައްރިސުން ކުރިމަތިލުމަށް އެޑިޔުކޭޝަން މިނިސްޓަރު ވަނީ ދާދި ފަހުން އެދިވަޑައިގެންފައެވެ.
ހިޔާލު