ނ. ޅޮހީ ސްކޫލުގެ އައުޓްޑޯ ލައިބްރަރީ ފަރުމާކުރަން އެ ސްކޫލުން ހުޅުވާލައިފިއެވެ.
ޅޮހީ ސްކޫލުން ބުނީ، އައުޓްޑޯ ލައިބްރަރީ، ހިލޭ ސާބަހަށް ފަރުމާކުރަން ހުޅުވާލީ ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާގެ މަތިން ވީހާވެސް ތަފާތު ކޮންސެޕްޓަކަށް އެ ލައިބްރަރީ ތަރައްޤީ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެ ސްކޫލުގެ ޕީޓީއޭއިން ޚަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތަށް އެ ސްކޫލުގެ ގޯތި ތެރެއިން 890 އެއްހާ އަކަފޫޓް ޚާއްޞަކޮށްފައިވެއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެ ސްކޫލުގެ ކޮމިއުނިޓީއާއި ރަށުގެ ފަންނުވެރިންނާއި އަދި ވެސް ހެޔޮއެދޭ ފަރާތްތަކުން އެކަމުގައި ބައިވެރިވެ އަޅުގަނޑުމެންނަށް އެންމެ އެކަށޭނެ ފަރުމާއެއް ހުށައަޅަން" ޕްރިންސިޕަލް އަލީ ޒާހިރު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައުޓްޑޯ ލައިބްރަރީއަކީ މިހާތަނަށް ސްކޫލްތަކުގައި ތަރައްޤީކޮށްފައިވާ ލައިބްރަރީތަކާ ތަފާތު ކޮންސެޕްޓަކަށް ތިމާވެއްޓާ ރައްޓެހި، އަދި ދަރިވަރުންގެ އެކިއެކި ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރެވޭ ތަނަކަށް ވާން ބޭނުންވާ ކަމަށެވެ.
ޒާހިރު ވިދާޅުވީ، ލައިބްރަރީ ތަރައްޤީ ކުރަން ބޭނުންވާ ފައިސާގެ ބައެއް މިހާރުވެސް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތަށް ޖުމްލަ ދާނެ ޚަރަދެއް އަންދާރާ ކުރެވޭނީ ހުށައަޅާ ފަރުމާތަކަށް ބެލުމަށްފަހު ކަމަށެވެ.
"ޕީޓީއޭއިން ބޭނުން ވަނީ ރަނގަޅު ފެންވަރަކަށް ލައިބްރަރީ ތަރައްޤީ ކުރަން. އެހެންވެ ގިނަ ބައެއްގެ ޚިޔާލު ހޯދަން ހުޅުވާލީ" ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައުޓްޑޯ ލައިބްރަރީ ތަރައްޤީ ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަަމަށާއި މި އަހަރުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ޅޯހީ ސްކޫލުގެ އައުޓްޑޯ ލައިބްރަރީގެ ފަރުމާ ހުށައަޅާން އެ ސްކޫލުން އެދިފައި ވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިންނެވެ.
advertisment
ހިޔާލު