2025ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހަށް ޚާއްސަ ދެފޮތެއް ދިވެހިބަހުގެ އެކެޑާމީން ވިއްކަން ފަށައިފިއެވެ. މި ދެ ފޮތަކީ މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚުޞީޞް ކުރައްވާފައިވާ ނ.ޢ.ޢ.ވ އަބްދުﷲ ޞާދިޤުގެ "ޞާދިޤުގެ ޅެންބަހުރުވަ 3″ އަދި އަލްމަރްޙޫމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޅެންވެރި ގަލަންކޮޅުން އުފަންކުރެއްވި " އަމީންގެ ޅެންތައް"މި ދެފޮތެވެ.
"ޞާދިޤުގެ ޅެންބަހުރުވަ 3″ މި ފޮތަކީ ޞާދިޤުގެ އާއިލާއިން އެއްކުރައްވައި، ޓައިޕްކޮށް ދިވެހިބަހުގެ އެކެޑަމީން ނެރުމަށް ހަދިޔާކުރެއްވި ފޮތެކެވެ. މި ފޮތުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ޅެމާއި ލަވައާއި ބަނދީގެ ރީތި ސިފަކުރުންތައް، ލޯތްބާއި ނަސޭހަތާއި، ކުލުނާއި، ދިވެހި ވެށްޓާއި، ކުޑަކުދީންނާއި ޒުވާނުންނަށް ޚާއްސަ އެތައް މެސެޖުތަކެއްގެ ގޮތުގައި ގެނެސްދީފައިވެއެވެ.
މީގެ އިތުރުން " އަމީންގެ ޅެންތައް" މި ފޮތަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހައްދަވައި، "ސަރުކާރުގެ ޚަބަރު"ގައްޔާއި އަންޖަމަން އަމީންގެ އިދާރާއިން 1958ގައި ނެރުއްވި " ޅެންވެރިކަމުގެ ބަގީޗާގައި..އޯކިޑް"ގައި ހުރި ޅެމާއި " ޅެންވެރީންގެ ގުލްޒާރުގެ ނޫރާނީ މާ"ގައި ޝާއިޢުކުރައްވާފައިވާ ޅެންތައް ހިމެނޭ ފޮތެކެވެ. މި ފޮތުގައި ޙުއްބުލްވަޠަންގެ ލޯތްބާއި، މަތިވެރިކަމާއި، އިޝްޤީ ލޯބީގެ ދިލައާއި ހުވަފެނުގެ އަސަރު ހިތްތަކުގެ އެންމެ ފުނަށް ފޯރާފަދަ އެތައް ޅެމެއްވެއެވެ.
"ޞާދިޤުގެ ޅެންބަހުރުވަ 3″ 75ރ އަށް އަދި " އަމީންގެ ޅެންތައް" 70ރ އަށް ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެންހުންނާނެއެވެ. ފޮތް ފިހާރަ ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00ން މެންދުރުފަހު 13:30ށެވެ.
advertisment
ހިޔާލު