އޭލެވެލްގެ ގަދަ ދިހައެއްގައި އެ ސްކޫލުގެ އަށް ދަރިވަރުން
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު މަނޫނު ފާއިޒު، މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައިފިއެވެ. މިއީ މިފަހަކަށް އައިސް އެ ސްކޫލުގެ ދަރިވަރަކު އެއްވަނަ ހޯދި ފަހަރެވެ.
މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން ބ. އޭއީސީގެ އަށް ދަރިވަރުން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި ގަދަ ދިހައެއްގެ ދެވަނަ ލުބާނާ އަބްދުލް މޫމިން ވަނީ ހޯދާފައެވެ.

އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:
މުޙައްމަދު މަނޫން ފާއިޒު- އެއްވަނަ
ލުބާނާ އަބްދުލް މޫމިން- ދެވަނަ
އަޙްމަދު ޔައިޝް ޔޫސުފު- ހަތަރުވަނަ
ޔަމްނާ އަޙްމަދު- ފަސްވަނަ
ހުޒާމާއު ހަސަން- ހަތްވަނަ
އިއްޒަތު ނަޒީރު- ހަތްވަނަ
އާއިޝަތު ނާޖިލާ ނިޔާޒު- އަށްވަނަ
އާމިނަތު ސައުސާން މުޙައްމަދު- އަށްވަނަ
ފާތިމަތު ނަޝްއާ ނާޒިމް- ނުވަވަނަ
އެއްވަނަ ހޯދި މަނޫނަށް އޯލެވެލްގައި ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނައެވެ. އަދި އޭނާ ވަނީ އޯވެލްގައި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ހޯދާފައެވެ. 2021-2022 ވަނަ އަހަރު ބ. އޭއީސީގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ.

ދަރިވަރު ނޫހަށް މަނޫން ބުނީ، އޯލެވެލްގައި ދެވަނަ ލިބުމުން، އޭލެވެލްގައި އެއްވަނަ ހޯދޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ. އެހެންވެ އެކަމަށް އެދިގެން ކިޔަވަމުން އައި ސްޓައިލަށް ބަދަލުތަކެއް ގެނައި ކަމަށް ވެސް މަނޫން ބުންޏެވެ.
"ކިޔެވުމަށް ފޯކަސް ކުރުމާއި، ނިދި ހަމަކުރުމާއި ކިޔެވުމުގެ ތެރެއިން ބްރޭކް ނެގުން ފަދަ ބަދަލުތަކެއް ކިޔެވުމަށް ގެނައުމަކީ ރަނގަޅު ނަތީޖާއަކަށް ދިއުމަށް މަގުފަހިވި ކަންތައްތައް" މަނޫން ބުންޏެވެ.

މެކޭނިކަލް އިންޖިނިއަރެއްގެ ގޮތުން ކުރިއަށް ދާން ނިންމައިގެން ހުރި މަނޫން ބުނީ، ކޮންމެ ދުވަހަކު ވެސް މަދުވެގެން ހަތަރު ގަޑިއިރު ކިޔެވުމުގައި ހޭދަކުރި ކަމަށާއި ޓެސްޓް ދުވަސްވަރު އަށް ގަޑިރު ކިޔެވުމުގައި ހޭދަކުރާ ކަމަށެވެ.
އޯލެވެލްގެ އެއްވަނަ އަށް މަނޫންއަށް ނޭރުނީ ދިވެހިން އޭ އެއް ލިބުމުންނެވެ. އެހެންވެ އޭލެވެލްގައި ދިވެހި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް އޭނާ ދިނެއެވެ.
"ދިވެހިން އޭ ސްޓަރ ހޯދަން، ލިޔުންތެރިކަމަށް ސަމާލުކަންދީގެން ކުރި މަސައްކަތް އިތުރުކުރީ. އެކަމުގައި ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" މަނޫން ބުންޏެވެ.

މަނޫން ބުނީ، އޭނާ އުފާވަނީ މައިންބަފައިންގެ ކައިރީގައި ހުރެ ރަށު ސްކޫލުން ކިޔަވައިގެން އެއްވަނަ ހޯދާ، ރަށަށް ވެސް ރީތި ނަމަކާއި ފަޚުރެއް ހޯދައިދެވުނީމައެވެ.
މަނޫން ބުނީ، ކާމިޔާބު ދަރިވަރަކަށްވެ ނަތީޖާ ރަނގަޅުކުރަން ބޭނުން ނަމަ އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އޭނާއަށް ލިބު ނަތީޖާއަކީ އޭގެ މިސާލެއް ކަމަށް ބަނޫން ބުންޏެވެ.

މަނޫން ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕައާއި އާއިލާއާއި ކިޔަވައިދެއްވި ޓީޗަރުންނާއި ސްކޫލުގެ އިސްވެރިން ހިމެނޭ ކަމަށެވެ. އެހެންވެ އެފަރާތްތަކަށް ޚާއްޞަ ޝުކުރު އޭނާ އަދާކުރިއެވެ.
" މަންމައާއި ބައްޕައާއި އާއިލާ އަދި ޓީޗަރުންނަކީ މި ކާމިޔާބީގެ ހައްޤުވެރިން" މަނޫންގެ ވާހަކަ ކުރުކޮށްލިއެވެ.
advertisment
ހިޔާލު