ޕްރެޒިޑެންޓް ސްކޮލަރޝިޕް 5 ދަރިވަރުންނަށް ލިބޭއިރު، ހައި އެޗީވަރސް އެވޯޑަށް 35 ދަރިވަރުން ޝަރުޠު ހަމަވޭ
ޔުނިވާސިޓީއަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ނިސްބަތަކީ 95.56 އިންސައްތަ
މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީ (ސީއެޗްއެސްއީ ހުޅުމާލެ) ގެ ދަރިވަރުން ބޮޑު ކުރިއެރުންތަކެއް ހޯދައިފިއެވެ. މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި 145 ދަރިވަރުން މިދިޔަ އަހަރު ހިމެނިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 ދަރިވަރުންގެ އިތުރުވުމެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕަށް 5 ދަރިވަރުން ކޮލިފައިވެ، ހައި އެޗީވާސް އެވޯޑަށް 35 ދަރިވަރުން ޝަރުތު ހަމަވެއެވެ.
އެޗްއެސްއީ މާއްދާތައް ހިމެނޭ ގޮތަށް ޔުނިވާސިޓީއަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ނިސްބަތަކީ 95.56 އިންސައްތަ އެވެ. އެޗްއެސްއީ މާއްދާތައް ފިޔަވައި ދެން ހުރި މާއްދާތަކުން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 72.27 އިންސައްތައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.34 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލެއިން ހުޅުމާލެއަށް ބަދަލުވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު މިއީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ.
އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި 2023 ވަނަ އަހަރު ސީއެޗްއެސްއީގެ 120 ދަރިވަރުން ހިމެނި، އެއްވަނަ ހަ ދަރިވަރުންނަށް ލިބުނެވެ. އަދި އެ ސްކޫލުގެ 19 ދަރިވަރަކަށް އެޑެކްސެލް އޭލެވެލްގެ ބްރިލިއަންސް އެވޯޑްވެސް އެ އަހަރު ލިބިފައިވެއެވެ.
ހިޔާލު