ކުމުންދޫ ސްކޫލަށް 75 އަހަރު ފުރުމުން ކައުންސިލުން ހަދިޔާކުރީ މިސްކިތެއް

ހދ. ކުމުންދޫ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން ހަދިޔާއެއްގެ ގޮތުގައި އެރަށު ކައުންސިލުން އިމާރާތް ކުރި މިސްކިތް ހުޅުވައިފިއެވެ.

މަސްޖިދުއް މުޙައްމަދު ވަހީދުގެ ނަމުގައި އެ ރަށު ސްކޫލުގެ ގޯތިތެރޭގައި އިމާރާތް ކުރި މިސްކިތް ރަސްމީކޮށް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މިސްކިތުގެ ނަން ނިސްބަތް ވަނީ، އެ ސްކޫލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް އައްޝައިޙް މުޙައްމަދު ވަޙީދަށެވެ.

ކުމުންދޫ ސްކޫލަށް 75 އަހަރު ފުރުނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުއެވެ. 2023 ވަނަ އަހަރު، ބަޔަކާ ހަވާލުކޮށްގެން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ތަފާތު ސަބުތަކާ ހުރެ މަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވި ކަމަށް ކުމުންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، އެރަށު ސްކޫލަށް 75 އަހަރު ފުރުމުން، ހަދިޔާއެއްގެ ގޮތުގައި މިސްކިތެއް އިމާރާތްކޮށްދޭން ކައުންސިލުން ނިންމީ، އެއީ ނަމާދަށް އަހުލުވެރި ދަރިވަރުން ތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކަމަށެވެ.

"ނަމާދު ކުރާނެ ތަނެއް ސްކޫލުގައި ހެދުމުގެ މަސައްކަތްތަކެއް ކައުންސިލުގައި ކުރިން ތިއްބެވި ބޭފުޅުން ވެސް ކުރެއްވި. އެކަމަކު އެ މަސައްކަތެއް އަމަލީ ގޮތުން ކުރިއަކަށް ނުދޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ 75 އަހަރު ފުރޭތީ ހަދިޔާއެއްގެ ގޮތުގައި އެކަން ކޮށްދޭން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެއްފަހަރާ 80 ކުދިންނަށް ނަމާދު ކުރެވޭ، އެ މިސްކިތަށް ކައުންސިލުގެ ބަޖެޓުން ހަ ލައްކައެއްހާ ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

މި މިސްކިތުގައި ދެ ޖިންސްގެ ދަރިވަރުންނަށް ފަސޭހަކަމާއެކު ވަކިން ވުޟޫ ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ކައުންސިލުގެ ހަދިޔަ ކުމުންދޫ ސްކޫލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ޕްރިންސިޕަލް މުޙައްމަދު އާދަމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކޫލަށް ދަތިވާ ކޮންމެ ކަމެއްގައި ވެސް ކައުންސިލުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި މިސްކިތަކީ އޭގެ މިސާލެއް ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *