އޭލެވެލްގައި ބައިވެރިވި ދެ ވަނަ އަހަރު އެ ސްކޫލުގެ 3 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވޭ
އޭލެވެލްގެ ނަތީޖާއިން ފެނުނީ ބެލެނިވެރިންނާއި ސްކޫލާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ކެޔޮދޫ ސްކޫލުން ބުނެފިއެވެ.
11 ދަރިވަރުން މަތީ ސާނަވީ ނިންމާ އިމްތިޙާނުގައި ބައިވެރިވިއިރު، އޭގެ ތެރެއިން 3 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ.
އޭލެވެލްގެ ގަދަ ދިހައެއްގައި މިދިޔަ އަަހަރު ހިމެނުނު ދަރިވަރުން:
ހުސައިން ސިމާޙް އިބްރާހިމް- ހަ ވަނަ
ހަމްދާ އަޙްމަދު ހުސައިން- ނުވަ ވަނަ
އަޙްމަދު މާހިލް އިބްރާހިމް- ދިހަ ވަނަ
މަތީ ސާނަވީ އިމްތިޙާނުގައި އެ ސްކޫލުން ބައިވެރިވާ މިއީ ދެ ވަނަ އަހަރެވެ. 2023 ގައި، ފުރަތަމަ ފަހަރަށް މަތީ ސާނަވީ ނިންމާ އިމްތިޙާން ތަކުގައި އެ ސްކޫލުން ބައިވެރިވީ ހަ ދަރިވަރުންނެވެ. އެ އަހަރު ޤައުމީ ގަދަ ދިހައެއްގައި ދަރިވަރަކު ނުހިމެނެއެވެ. މިދިޔަ އަހަރު އެ އިމްތީޙާނުގައި ބައިވެރިވި 11 ދަރިވަރުންގެ ތެރެއިން 3 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުމަކީ އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ސްކޫލުން ފާހަގަކުރީ އެހެންވެއެވެ.
" އޭލެވެލްގައި ބައިވެރިވި ދެ ވަނަ އަހަރު ތިން ކުދިން ގަދަ ދިހައެއްގައި ހިމެނުމަކީ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެއާއެކު ޖުމްލަ ނަތީޖާއަށް ބަލާއިރު ވެސް ކުރީ އަހަރަށްވުރެ މާ ބޮޑުތަނުން ވެސް ރަނގަޅު" ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭލެވެލްގެ ދަރިވަރުން ކިޔެވުން ނިންމީ އެ ކުދިންނަށް ޚާއްޞަ ކުލާސްރޫމެއް ނެތުމުން ކޮމްޕިއުޓަރ ލެބާއި ލައިބްރީގައި ތިބެގެން ކަމަށެވެ. އަލަށް ފަށައިގަތް އަހަރު ދިމާވީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ކަންތައްތަކެއް ރޭވި ކަމަށާއި ހުރިހާ މަސައްކަތެއް ކުރެއްވީ ދަރިވަރުންގެ ނަތީޖާއަށް އަމާޒުކުރައްވައިގެން ކަމަށް ޒައީމާ ވިދާޅުވިއެވެ.
ސީއެޗްއެސްއީ ހުޅުމާލެއާއި މާލޭގެ އެހެން ސްކޫލްތަކާ ގުޅިގެން ސްޓަޑީ ކޭމްޕްތައް ބޭއްވުމާއި ކިޔަވާ މާއްދާތަކާ ގުޅޭ ގޮތުން މައުލޫމާތާއި ތަޖުރިބާ ހޯދައިދޭން ރާއްޖެއިން ބޭރުން ދަރިވަރުންނަށް ސްޓަޑީ ޓުއަރ ވަނީ ބާއްވާފައެވެ. އަދި ފެންވަރު ރަނގަޅު ޓީޗަރުން ރަށަށް ގެނެސްގެން ޚާއްޞަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދެވުނު ކަމަށް ޒައީމާ ވިދާޅުވިއެވެ.
"ބެލެނިވެރިންނާއި ސްކޫލުން އެއް އަޒުމެއްގައި، އަދި ޚާއްޞަކޮށް ޓީޗަރުން ކޮށްދިން ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ބެލެނިވެރިން އުފުލީ ޚަރަދުގެ ގޮތުން ބަލާއިރު ވެސް ބޮޑު ޒިންމާއެއް" ޒައީމާ ވިދާޅުވިއެވެ.
އޭލެވެލް ބިޒްނަސް ސްޓްރީމަށް ކިޔަވައިދޭން ކެޔޮދޫ ސްކޫލުގައި ހުރީ އިކޮނޮމިކްސް ޓީޗަރު އެކަންޏެވެ. އެހެން މާއްދާތައް ކިޔަވައި ދިނީ އެ ސްކޫލުގެ އޯލެވެލްއަށް ކިޔަވައިދޭ ޓީޗަރުންނެވެ.
"ޓީޗަރުން މަސައްކަތް ކުރީ އޯލެވެލްއަށް ކުދިން ތައްޔާރު ކުރަމުން، އޭލެވެލްއަށް ވެސް ކުދިން ތައްޔާރު ކުރަމުން. އޭލެވެލްއަށް ކިޔަވައިދޭން އެމީހުން އަމިއްލައަށް ވެސް އިމްޕްރޫވްވާން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި. އެ މަސައްކަތް އެގޮތަށް ކުރީމާ ރަނގަޅު ނަތީޖާއެއް ނެރެވުނީ" ޒައީމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭލެވެލްގައި ބައިވެރިވި 11 ދަރިވަރުންގެ ތެރެއިން ފަސް މާއްދާގައި ބައިވެރިވީ ހަ ދަރިވަރުން ކަމަށާއި އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ދެ މާއްދާއިން ސީ ގުރޭޑަށްވުރެ މަތިން ލިބިފައިވާ ކަމަށެވެ.
ޒައީމާ ވިދާޅުވީ، ނިމިދިޔަ އަހަރު އޭލެވެލް ނިންމި ބެޗަކީ އޯލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދި ބެޗެއް ކަމަށެވެ. އެހެންވެ އެ ބެޗާމެދު ކުރިން ވެސް އުއްމީދު ތަކެއް ކުރެއްވުނު ކަމަށެވެ.
ހިޔާލު