ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާއާ އެކު ސްކޫލް އެކްޓިވިޓީ ކަލަންޑަރު އެކުލަވާލަނީ

ސްކޫލް އެކްޓިވިޓީ ކަލަންޑަރު އެކުލުމަށް މިއަދު ފެށި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ: މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުން އަންނަ ދިރާސީ އާ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް މުހިންމު މައުލޫމާތު ލިބިގެންދާނެ- ފޮތޯ: ޕީއެސްއެމް

ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާއާ އެކު ސްކޫލް އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށައިފިއެވެ.

ކޮންމެ ދިރާސީ އާ އަހަރަކަށް އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާ މި ކަލަންޑަރު އަންނަ ދިރާސީ އާ އަހަރަށް ކަނޑައެޅުމަށް، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ބައްދަލުވުމެއް ފެށީ މިއަދު އިމާދުއްދީނުގައެވެ. ދެ ދުވަހަށް ދެމިގެންދާ މި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިމްތިޒާމް ކޮށްގެން ބާއްވާ މަޝްވަރާ މި ބައްދަލުވުމުގައި 92 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި 12 ކުޅިވަރު އެސޯސިއޭޝަންގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ދިވެހި ބަހުގެ އެކެޑަމީއާއި ޤުރުއާނާ ބެހޭ މަރުކަޒު ހިމެނެއެވެ. އަދި ޔުނީފޯމް ބޮޑީގެ ގޮތުގައި ސްކޫލްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކެޑޭޓްކޯއާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ވެސް ބައިވެރިވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކުރިއަށް ގެންދާނީ ހުރިހާ ސްކޫލްތަކަށް ހަމަހަމަކަމާއެކު އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައި އެ އިންތިޒާމްތަކުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.

މި މަޝްވަރާ ބައްދަލުވުމުން ފައްޓަވައި ދެއްވަމުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް އެކިއެކި އެސޯސިއޭޝަންތަކާއި ކައުންސިލުތަކުން އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބައްލަވައި މިނިސްޓަރު ވިދާޅުވީ، އިތުރު ހަރަކާތްތަކުގައި 2019 ވަނަ އަހަރު 200 އެއްހާ ހަރަކާތް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާފައިވާ ކަމަށާއި 2024 ވަނަ އަހަރު އެ އަދަދު 111 އަށް މަދުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ހަރަކާތެއް ރާވާއިރު ވެސް ދަރިވަރު ހުންނަން ޖެހޭނީ މެދުގައި ކަމަށާއި އެ ހަރަކާތެއްގެ ސަބަބުން ދަރިވަރުގެ ކިޔެވުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.

މަޝްވަރާ ބައްދަލުވުން ކުރިއަށްދާއިރު، ކަންތައްތައް ރޭވުމުގައި ދަރިވަރުންގެ އުނގެނުމަށް ފަހިވުމާއި ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެ ކަމަށާއި ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރު އެ ޕާޓިސިޕޭޝަންއަކީ ވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެ ކަމަށާއި ދިވެހިރާއްޖޭގެ އޮތް ޖިއޮގްރަފިކަލް ޑިސްޕާޝަން އަށް ވެސް ކޮންސިޑަރ ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *