އެޗްއެސްސީ އިމްތިޙާނުގައި ގުރޭޑްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑު ފުރަތަމަ ފަހަރަށް އާންމުކޮށްފި

އެސްއެސްސީ އިމްތިޙާނުގެ ގުރޭޑްތައް ކަނޑައަޅާ މިންގަނޑު ވެސް އާންމު ކުރާނެ

އެޗްއެސްސީ އިމްތިހާނުގެ ދިވެއްސާއި އިސްލާމް މާއްދާގައި ގުރޭޑްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑު "ގުރޭޑް ތްރެޝްހޯލްޑްސް" ފުރަތަމަ ފަހަރަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން އާންމުކޮށްފިއެވެ.

"ގުރޭޑް ތްރެޝްހޯލްޑްސް" އާންމު ކުރީ މިދިޔަ އަހަރުގެ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރުމާ އެކުގައެވެ.

މި އަހަރުގެ އިތުރުން ފާއިތުވި އަށް އަހަރުގެ އެޗްއެސްސީ އިމްތިޙާނު ތަކުގެ "ގުރޭޑް ތްރެޝްހޯލްޑްސް" ޑީޕީއީ އިން ވަނީ އާންމުކޮށްފައެވެ.

"ގުރޭޑް ތްރެޝްހޯލްޑްސް" ކަނޑައަޅަނީ ކޮންމެ އިމްތިޙާނެއްގެ މާކިންގ ނިންމުމަށްފަހުއެވެ.

ޑީޕީއީ ހިންގުމާ ހަވާލުވެ ހުންނެވި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސުލްޠާން ރާމިޒު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، މި އަހަރުން ފެށިގެން އެޗްއެސްސީއާއި އެސްއެސްސީގެ "ގުރޭޑް ތްރެޝްހޯލްޑްސް" އާންމުކުރަން ނިންމާފައިވާ ކަމަށާއި އެއީ އިމްތިޙާނު ނިންމުމަށްފަހު އާންމު ކުރަންޖެހޭ އެއްޗެއް ކަމަށެވެ.

" ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެޗްއެސްސީ އިމްތިޙާނުގެ "ގުރޭޑް ތްރެޝްހޯލްޑްސް" އާންމު މިކުރީ. އެސްއެސްސީ އިމްތިޙާނުގެ "ގުރޭޑް ތްރެޝްހޯލްޑްސް" ވެސް އަޅުގަނޑުމެން އާންމު ކުރާނަން" ސުލްޠާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައުލުމާތު އާންމު ކުރެއްވުމަކީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވެސް ކުރައްވަން ބޭނުންވެވަޑައިގެންފައިވާ ކަމެއް ކަމަށާއި މިދިޔަ އަހަރުގެ އިމްތިޙާނުގެ "ގުރޭޑް ތްރެޝްހޯލްޑްސް" އާންމު ކުރެއްވީ އެމަނިކުފާނުގެ އިރުޝާދާއެކު ކަމަށެވެ.

ސުލްޠާން ވިދާޅުވީ، އިންޓަރނޭޝަނަލް ކޮންމެ އެގްޒާމެއްގައި ވެސް އެ އެގްޒާމެއްގެ ނަތީ އަށްފަހު އެގްޒާމް ސީރީޒްގައި ހިމެނޭ މާއްދާތަކުގެ "ގުރޭޑް ތްރެޝްހޯލްޑްސް" ޕަބްލިޝްކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މީގެ ކުރިން އެކަން ކުރަމުން ނުދާ ކަމަށެވެ.

"ގުރޭޑް ތްރެޝްހޯލްޑްސް" އެނގިގެން ދިޔާމަ ސްކޫލްތަކަށް އެޑްވާންޓޭޖްތަކެއް ހުންނާނެ. ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ސްކޫލްތަކުގެ ކިޔަވައިދިނުމާއި ޕްލޭނިންގއަށް ވެސް މީގެ ސަބަބުން އަސަރު ކުރާނެ. މިއީ ކޮންމެހެން އެނގެން ޖެހޭނެ މައުލޫމާތު ތަކެއް" ސުލްޠާން ވިދާޅުވިއެވެ.

2023 ވަނަ އަހަރާއި 2024 ވަނަ އަހަރު "ގުރޭޑް ތްރެޝްހޯލްޑްސް" އަށް ބަލާއިރު، އޭ ސްޓަރ ދީފައި ވަނީ 70 އިންސައްތަ މާކްސް ލިބުމުންނެވެ. 2023 ވަނަ އަހަރު އިސްލާމް މާއްދާއިން އޭ ސްޓަރ ދީފައި ވަނީ 81 އިންސައްތަ މާކްސް ލިބުމުންނެވެ. މިދިޔަ އަހަރު އޭ ސްޓަރ ދީފައި ވަނީ 78 އިންސައްތަ މާކްސް ލިބުމުންނެވެ.

އެޗްއެސްސީ އިމްތިޙާނުގައި ފާއިތުވި އަހަރު ގުރޭޑްތައް ދީފައިވާ ގޮތް:

އިސްލާމް މާއްދާ:

އޭ ސްޓަރ- (78ން މަތ)

އޭ- (66-77 އާ ދެމެދު)

ބީ- (51-65 އާ ދެމެދު)

ސީ- (34-50އާ ދެމެދު)

ޑީ- (25-33 އާ ދެމެދު)

އީ- (16-24 އާ ދެމެދު)

ޔޫ- (15 އަށް ވުރެ ދަށް)

ދިވެހި މާއްދާ:

އޭ ސްޓަރ- (70ން މަތ)

އޭ- (69-61 އާ ދެމެދު)

ބީ- (50-60 އާ ދެމެދު)

ސީ- (35-49އާ ދެމެދު)

ޑީ- (25-34 އާ ދެމެދު)

އީ- (16-24 އާ ދެމެދު)

ޔޫ- (15އަށް ވުރެ ދަށް)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *