"ގްރީން އެޑިޔުކޭޝަން" ސްކޫލްތަކުގައި ކުރިއަށް ގެންދަން ޓީއޯޓީން ތަމްރީނުކޮށްފި

ގްރީން އެޑިޔުކޭޝަން ސްކޫލްތަކުގައި ކުރިއަށް ގެންދަން ޓްރެއިނިންގ އޮފް ޓްރެއިނަރސް ތަމްރީނު ކުރަން ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ "އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް" ގެ ނަމުގައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ސީއެޗްއެސްއީ-މާލޭގެ ހޯލުގައި ކުރިއަށްދިޔަ މި ޓީއޯޓީގައި ރާއްޖޭގެ އެކި ސްކޫލުތަކުން 70 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ މަގުސަދަކީ ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާ ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމެވެ.

މި ވޯކްޝޮޕްގައި ފެހި މަދަރުސާ ފްރޭމްވޯކާއި އޭގެ ދަށުން ސްކޫލުތަކުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި އިސެސްކޯގެ ގްރީނިންގ އެޑިޔުކޭޝަން ފްރޭމްވޯކާ ގުޅޭގޮތުން އިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓެއް ކަމަށްވާ ވަގަސް ނާސިރު އަފްރިދީ ވަނީ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ކޭމްބްރިޖްގެ ފަރާތުން "ޕިލަރސް އޮފް ގްރީނިންގ އެޑިޔުކޭޝަން" ސެޝަނެއް މި ވޯކްޝޮޕްގައި ކުރިއަށް ގެންދިޔައެވެ. އަދި ސޮނެވާ ނަމޫނާ އަދި މޯލްޑިވްސް ރެސިލިއެންޓް ރީފްސްއިން ވަނީ ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް އެ އެންޖީއޯތަކުން ކުރަމުންދާ މަސައްކަތްތައް ވެސް މި ވޯކްޝޮޕްގެ ތެރެއިން ހިއްސާކޮށްފައިވެއެވެ.

މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދެވެ.

އުނގެނުމާއި އުނގަންނައިދިނުމުގެ އިތުރުން ސްކޫލުގެ މާހައުލުގެ ތެރޭގައި ވެސް ތިމާވެއްޓަށް އަހުލުވެރިކުރުވުމާއި ދެމެހެއްޓެނިވި އާދަތަކާ ގުޅޭ މަފްހޫމްތައް އިންޓަގްރޭޓްކޮށް، އެންމެން ގުޅިގެން މި މަސައްކަތްކުރިއަށް ގެންދިއުމަށް ޑރ. އަޙްމަދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި އިސެސްކޯގެ އެޑިޔުކޭޝަން ސެކްޓަރ ހެޑް ޑރ. ހަދީ ޖަތައު ސޭ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމެއްގައި، ގްރީނިންގ އެޑިޔުކޭޝަންއަށް މުދައްރިސުން ތަމްރީނުކުރުމަކީ ކްލާސްރޫމުގައި ދެވޭ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ތިމާވެއްޓާ ގުޅޭ ވިލުންވެރިކަން އިތުރުކުރުމަށް މުހިންމެވެ. އަދި މީގެ ސަބަބުން ތިމާވެއްޓަށް އަހުލުވެރި ޖީލެއް ބިނާކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ވަނީ ސްކޫލުތަކުގައި ފެހި މަދަރުސާ ފްރޭމްވޯކް ތަންފީޒުކުރުމަށް އެކްޝަން ޕްލޭންއެއް ތައްޔާރުކޮށްފައެވެ. މިއާއެކު، ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުވި މުދައްރިސުން، އެނބުރި ސްކޫލުތަކަށް ވަޑައިގެން އެ ސްކޫލުތަކުގައި މިކަމާ ގުޅޭ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *