ކެމްބްރިޖުގެ މުގައްރަރުތަކަށް ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފައްދަން އަންނަ ހަފުތާގައި ހުޅުވާލަނީ

ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެޑިޔުޔޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ފޭސްބްކް ޕޭޖުގައި މިނިސްޓަރު އިސްމާއިލް ލިޔުއްވާފައިވާ ގޮތުގައި ފަރުދެއްގެ ގޮތުގައިވެސް އަދި ޓީމެއްގެ ގޮތުގައިވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ ކަމަށެވެ. އެކަން ކުރަން އިސްނަގަންވީ ތަޖުރިބާހުރި މުދައްރިސުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޑރ. އިސްމާއިލް ވިދާވެފައި ވަނީ، ދިވެހިރާއްޖޭގައި ރާއްޖޭންބޭރު މުގައްރަރުތަކަށް ކިޔަވައިދީގެން ސާނަވީ އިމްތިހާނުތައް ބާއްވާތާ ޒަމާންތަކެއްވެއްޖެ ކަމަށާއި ޔުނިވަރސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫ.އެލް.އީ.އޭ.ސީ) ގެ އިމްތިހާނު ރާއްޖޭގައި ދޭން ފެށުނީ 1968ގައި ކަމަށެވެ. ފަހުން މި އިމްތިހާނު އެޑްއެކްސެލް އަށް ރީބްރޭންޑުކުރެވި 2001ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދެވުނު ކަމަށެވެ.

އިސްކޫލުތަކުގެ ސާނަވީ އިމްތިހާނު ކެމްބްރިޖު އިންޓަނޭޝަނަލް (ސީ.އައި.އޭ) އެގްޒަމިނޭޝަނަށް 2002ގައި ބަދަލުކުރެވި ރާއްޖޭގެ އިސްކޫލްތަކުގައި މި އިމްތިހާނު ހަދާތާވެސް 23 އަހަރުވެފައިވާ ކަމަށާއި މިހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް މި އިމްތިހާނު ހަދާ މާއްދާތަކުގެ ފޮތްތައް ގެންނަމުން މިދަނީ ރާއްޖެއިން ބޭރުން ކަމަށް މިނިސްޓަރު ލިޔުއްވާފައިވެއެވެ.

" އަޅުގަނޑު ގަބޫލުކުރަނީ ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ދިވެހިރާއްޖޭގެ މުދައްރިސުންގެ ކިބައިގައި ހުރިކަމަށެވެ. މިނިސްޓްރީން ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތަކުގެ ބަދަލުގައި ގިނަ އިސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަމުންދަނީވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށްދޭ ނޯޓުތަކަށެވެ. އަދި ބޭރުން ގަނެގެން މިހާރުދެވޭ މަސައްކަތުފޮތަށްވުރެ މާ ފެންވަރުރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައްވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ."

މިނިސްޓަރު ޑރ. އިސްމާއިލް ލިޔުއްވާފައިވެއެވެ.

" އަޅުގަނޑު ގަބޫލުކުރަނީ ފުރުސަތު ފަހިކޮށް އެކަށީގެންވާ އަގެއްގައި މިފަދަ ފުރުސަތެއް ދިވެހި މުދައްރިސުންނަށް ހުޅުވާލައިފިނަމަ އޭގެ މަންފާ ބޮޑުވާނެކަމެށެވެ. ފޮތްގަންނަން ބޭރަށްކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި، މިފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދިއުމާއި، މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތައް ބޭނުންނުކުރުމުގެ ސަބަބުން އިސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަކުރެވުމުގެ އިތުރަށް ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް މިކަންވާނެކަމަށް ބެލެވެއެވެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *