އޯލެވެލް އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ކައުންޓްޑައުން ސްކޫލްތަކުން ފަށައިފިއެވެ.
އޯލެވެލް ފަށަން މިހާރު އޮތީ 97 ދުވަހެވެ. އިމްތިޙާނު ފަށާ ގޮތަށް ތާވަލު ކޮށްފައި ވަނީ އަންނަ މެއި/ ޖޫންގައެވެ.
ސާނަވީ ނިންމާ އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ކައުންޑައުން ބައެއް ސްކޫލްތަކުން ފެށީ ދަރިވަރުންނާއި ޓީޗަރުންނާއެކު ބޭއްވި ޚާއްޞަ ރަސްމިއްޔާތުންނެވެ.
ހިރިޔާ ސްކޫލުން ކައުންޓްޑައުން ފެށީ މީގެ ތިން ދުވަސް ކުރިން، އިމްތިޙާނު ފެށެން 100 ދުވަހަށް ވި ދުވަހުއެވެ. އެ ސްކޫލުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގެ ހަރަކާތުގައި ދަރިވަރުންނާއެކު މުދައްރިސުން ވަނީ ބައިވެރިވެފައެވެ. އަދި 100 ދުވަހުގެ ކައުންޓްޑައުން ފައްޓަވައި ދެއްވީ ޕްރިންސިޕަލް ރިންޒީ ވަހީދެވެ.

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މަރިޔަމް ނައީމާ ވިދާޅުވީ، ސާނަވީ ނިންމާ އިމްތިޙާނަށް ތައްޔާރުވާން ކޮންމެ އަހަރަކު ވެސް 100 ދުވަހުގެ ކައުންޓްޑައުންއެއް އެ ސްކޫލުން ފަށާ ކަމަށާއި ބޭނުމަކީ އިމްތިޙާނާމެދު ދަރިވަރުންނަށް ސީރިއަސްކަން ވިސްނައިދިނުން ކަމަށެވެ.
ނައީމާ ވިދާޅުވީ، އެ ސްކޫލުގެ އަމާޒަކީ ކުރީ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް މި އަހަރު ވެސް ހޯދުން ކަމަށާއި އެ ނަތިޖާއަށް ވާޞިލްވުމަށް ގިނަ މަސައްކަތްތަކެއް މުދައްރިސުން ކުރަމުން އަންނަ ކަމަށެވެ. އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކުލާސްތައް ގެންދިއުމުގެ އިތުރުން ސެޝަން ނިމިގެންނާއި ރޭގަނޑުގައި ވެސް ބައެއް ކުލާސްތައް ބާއްވަމުން އަންނަ ކަމަށެވެ.
" އުއްމީދަކީ ކުރީ އަހަރަށްވުރެ ނަތީޖާ ރަނގަޅު ކުރުން. އެއީ ޓާގެޓަކަށް ހަދައިގެން އެންމެން އެއް އަޒުމެއްގައި މަސައްކަތް މި ކުރަނީ" 100 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ސާނަވީ ނިންމާ އިމްތިޙާނުގައި ބައިވެރިވާ ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ނައީމާ ވިދާޅުވިއެވެ.

ބޮޑުފޮޅުދޫ ސްކޫލުން ވެސް ވަނީ ސާނަވީ ނިންމާ އިމްތިޙާނުގެ ކައުންޑައުން ފަށާފައެވެ. ދަރިވަރުންނާއި މުދައްރިސުން ވެސް އެ ސްކޫލުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ސްކޫލްތަކުން އަންނަނީ ސްޓަޑީ ކޭމްޕްތައް ބާއްވަމުންނެވެ. ބައެއް ސްކޫލްތަކުން އެފަދަ ކޭމްޕްތައް ބާއްވަމުން އަންނަނީ ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެންނެވެ.
advertisment
ހިޔާލު