ދަރިވަރުން ވާން ޖެހޭނީ އަންނަން އޮތް ޖީލަށް ތަޢުލީމް ވާޞިލް ކޮށްދޭ މާލިމީންނަށް

ދަރިވަރުން ވާން ޖެހޭނީ އަންނަން އޮތް ޖީލަށް ތައުލީމް ވާޞިލްކޮށްދޭ މާލިމީންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އެ ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުންނަށް އިޝާރާތް ކުރައްވައި ކުރެއްވި ސުވާލަކީ ދަރިވަރުން ޓީޗަރުންނަށް ވާން ބޭނުން ނުވާނަމަ ޓީޗަރުންނަށް ވާނީ ދެން ކޮންބައެއްތޯއެވެ.

" ތިޔަ ދަރިވަރުން ވާން ޖެހޭނީ އަންނަން އޮތް ޖީލަށް ތައުލީމް ވާޞިލްކޮށްދޭ މާލިމީންނަށް. އަންނަން އޮތް ޖީލު ބިނާކުރުމުގެ މޭސްތިރިންނަށް. މި ޤައުމު އާ އުސްމިންތަކަކަށް ކުރިއެރުވުމަށް ތަރައްޤީވެފައި އޮތް ޤައުމަކަށް ބަދަލުކުރުމަށް މީހުން ބިނާކުރުމުގެ އެދުރުންނަށް. އެކަން އަޅުގަނޑުމެންނަށް ވެއްޖެ ކަމުގައި ވަނީނަމަ ޔަގީނަށް ވެސް އަޅުގަނޑުމެންގެ ޤައުމު އުޖާލާވާނެ. ކުރިއަރައިގެން ދާނެ. އަޅުގަނޑުމެންނަށް އުފާފާގަތިކަން ލިބިގެންދާނެ" ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓީޗަރުކަން ބޭނުންވޭގެން އުޅޭ ކުދިން މަދުކަމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެއްވެސް ޤުމެއް، އެއްވެސް ކޮމިއުނިޓީއެއް ޓީޗަރުންގެ ބުރަ މަސައްކަތުން މެނުވީ ކުރިއަރައިގެން ނުދާނެކަމަށެވެ.
ސްކޫލެއްގެ މާހައުލެއްގައި އެންމެ އިސް ޤަދަރަކާއި ޝަރަފެއް އެންމެ ބޮޑު ލޯތްބެއް ލިބެން ޖެހޭނެ ބަޔަކީ މުދައްރިސުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އަޅާލުމަކާއި ލޯބީ ލިބޭ ބައެއް ކަމުގައި ވަނީނަމަ އެ ބަޔަކީ ދަރިވަރުން ކަމަށާއި ތައުލީމެއް ކުރިއަށް މި ދަނީ މި ދެފަރާތް ގުޅުނީމާ ކަމަށެވެ.

" ތައުލީމް އުފަން ވަނީ ކިޔަވައިދޭ މުދައްރިސަކާއި އުނގެނޭ ދަރިވަރެއް އެއްތަން ވީމާ. އެއީ ވަރިހަމަ ގަހެއްގެ ދަށުގައި ވި ނަމަވެސް. ހިޔާވައްސެއް ނެތް ކަމުގައި ވިޔަސް. ކިޔަވއިދޭ މުދައްރިސަކާއި ކިޔަވާ ދަރިވަރަކު އެއްތަން ވީމާ، ކިޔެވުން ކުރިއަށް ދާނެ. އުނގެނޭނެ، އުނަގަންނައި ދޭނެ" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް އިޝާރާތް ކުރައވައި މިނިސްޓަރު ވިދާޅުވީ އެ ސްކޫލަކީ މުޅި ރާއްޖެއަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ ސްކޫލެއް ކަމަށެވެ. އަދި 800 އެއްހާ ދަރިވަރުން އެކި ކީ ސްޓޭޖްތަކުގައި ކިޔަވަމުން ދާ ކަމަށާއި އެހެން ނަމަވެސް ފާހަގަ ވެގެން ދިޔަ އެއްކަމަކީ 128 ކުދިން ގުރޭޑް 9އާއި 10ގައި ތައުލީމް ޙާޞިލް ކުރަމުން ދާ އިރު، ކީ ސްޓޭޖް ފަހެއް، އޭލެވެގައި ކިޔަވަނީ އެންމެ 60 ވަރަކަށް ކުދިން ކަމަށެވެ. "
އަދި މީގެ އޭގެ ތެރެއިން ފާހަގަކުރެވިގެން މިދިޔައީ ފިރިހެން ކުދިންގެ އަދަދު 14 އަރާއިރު، އަންހެން ކުދިންގެ އަދަދު 46އަށް އަރާކަން" މިނިސްޓަރު ވިދާޅުވިއެވެ.

އެ އަދަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކޮންމެ ވެސް ގޮތަކުން މަތީ ސާނަވިއަށް ދާ ކުދިންގެ އަދަދު މަދުކަމަށް ފާހަގަކުރެއްވޭ ކަމަށެވެ. އަދި ހުރިހާ ދަރިވަރުންނަށް ގޮވާލީ ގުރޭޑް 10 ނިންމާފައި، އޭލެވެލްގެ ކިތަންމެ ހަނި ފުރުޞަތެއް ލިބުކަމުގައި ވިޔަސް ދަރިވަރުން އޭލެވެލް ކިޔަވަން ފެށުމަށެވެ. އިރާދަކުރެއްވިއްޔާ އޭގެ ހެޔޮ ނަތީޖާ ދަރިވަރުންނަށް ކުރާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.
އެއް އުމުރުފުރައެއްގެ ކުދިންތަކަކާއެކުގައި ޔުނިވަރސިޓީގެ ތައުލީމަށް ކުއްޖާ ފައްކާ ކުރުމަށްޓަކައި އޭލެވެލްގައި ބައިވެރިވެއްޖެ ކަމުގައި ވަނީނަމަ މާބޮޑު ކާމިޔާބީއެއް ދަރިވަރުންނަށް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންނަށް މިނިސްޓަރު ވިދާޅުވީ، " ތިޔަ ކުދިންނަކީ ޤައުމުގެ މުސްތަގުބަލް. ތިޔަ ކުދިންގެ އަޚްލާޤާ ތިޔަކުދިންނަށް ލިބިފައިވާ ތަރުބިއްޔަތަކާ ތިޔަކުދިންނަށް ލިބިފައިވާ އިލްމަށް އަމަލު ކުރުމުގެ މައްޗަށޭ ޤައުމުގެ ކުރިމަގު ބިނާވެގެންދާނީ. މި ޤައުމު ކުރިއަރައިގެން ދާނީ" މިނިސްޓަރު ވިދާޅުވިއެވެ.

ޤައުމީ މަންހަޖުގެ ހަޤީޤީ މަފްހޫމަކީ ކޮބައިކަން ބަޔާން ކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ޤައުމީ މަންހަޖުގެ ހަޤީޤީ މަފްހޫމަކީ ކާމިޔާބު ދިވެހި މުސްލިމެއް ދިރިއުޅުމަށް ތައްޔާރު ކުރުން ކަމަށެވެ. އެއީ ރިވެތި އަޚްލާޤާއި ރިވެތި ސުލޫކާއި މީހުންނަށް އިހްތިރާމް ކުރުމެވެ.

" ދިރިއުޅުމަށް ބޭނުންވާ އިލްމާއި ހުނަރާއި ފަންނުވެރިކަން ލިބިގެންވާ ދަރިއަކު ބިނާ ކުރުމުގެ މަސައްކަތް މި ކުރަނީ. މިއިން އެއްވެސް ބައެއް އުނިވެއްޖެ ކަމުގައި ވަނީނަމަ އަޚްލާޤުގެ ބައި ކަމުގައި ވިޔަސް، ފަންނުގެ ބައި ކަމުގައި ވިޔަސް، ތަޢުލީމުގެ ބައި ކަމުގައި ވިޔަސް، އަދި އެހެން މީހުންނަށް އަދާކުރަން ޖެހޭ އިޚްތިރާމާއި ގަދަރު ވިޔަސް، ތިމާގެ އަމިއްލަ ނަފުސު ބެލެހެއްޓުމުގައި ތިމާ އަދާކުރަން ޖެހޭ ވާޖިބުތައް ކަމުގައި ވިޔަސް، މިއިން އެއްވެސް ކަމަކަށް އިހުމާލު ވެވިއްޖެ ކަމުގައި ވަނީނަމަ، އެއީ އަޅުގަނޑުމެންގެ ޤައުމީ މަންހަޖުގައި މި ބުނާ ކޮންމެވެސް ކަމެއް ދޫކޮށްލެވިފައި މި ވަނީ. ޝާމިލު ރަނގަޅު ހެޔޮލަފާ ދިވެހި މުސްލިމް ދަރިއެއް ދިރިއުޅުމަށް ތައްޔާރު ކުރުމުގެ މަސައްކަތް އެއީ ދައުލަތުގެ ފަރާތުން މި ކުރާ މަސައްކަތަކީ" އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *