އައްޑޫ ސިޓީގެ އިސްރަށްވެހިންނަށް ޑިޖިޓަލް ލިޓެރަސީ ކޯހެއް އެމްއެންޔޫ ހިތަދޫ ކެމްޕަހުން ހިންގަނީ

އައްޑޫ ސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަ ކޮށްގެން ޑިޖިޓަލް ލިޓެރަސީ ކޯހެއް އެމްއެންޔޫ ހިތަދޫ ކެމްޕަހުން ހިންގަން ތައްޔާރު ވެއްޖެއެވެ.

ހިތަދޫ ކެމްޕަހުން ބުނީ، ޓެކްނޮލޮޖީގެ ތެރޭގައި އިސްރަށްވެހިން އެކަހެރިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، ޑިޖިޓަލް ލިޓެރަސީ ކޯހަކީ އެކަމަށް ހޯދައިދޭ ހައްލެއް ކަމަށެވެ.

މި ކޯހަށް ކުރިމަތި ލުމުގެ މުއްދަތު މިދިޔަ މަހުގެ 21 ވަނަ ދުވަހަށް ހަމަވިއިރު 15 ފަރާތަކުން ބައިވެރިވެފައިވެއެވެ. ރޯދަމަސް ކުރިއަށް އޮތުމުން ކޯސް ފަށާނެ ދުވަހެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހިތަދޫ ކެމްޕަހުން ބުނެއެވެ.

ހިތަދޫ ކެމްޕަހުގެ މެނޭޖަރު ހައްވާ ޒަރީނާ ދަރިވަރު ނޫހަށް ވިދާޅުވީ، ބަދަވަމުން އަންނަ ދުނިޔޭގައި، ޢުމުރުން ދުވަސްވީ މީހުންނަށް ޓެކްނޮލޮޖީގެ އެހީގައި މުއާމަލާމާތް ކުރަން ދަސްކޮށް ދިނުން މުހިންމު ކަމަށާއި އެފަދަ ކޮންމެ ކަމެއް ކުރަން އުމުރުން ދުވަސްވީ މީހުން، ދަރިންނަށް ބަރޯސާ ވުމަކީ އެއީ ބައެއް ފަހަރު ތަކުލީފެއް ކަމަށެވެ.

ހަ ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ކިޔަވައި ދެނީ އިންޓަރނެޓް ބޭނުން ކުރާނެގޮތާއި ގާތްތިމާގެ މީހުންނާއި ގުޅުން ބަހައްޓާނެ ގޮތްތަކާއި ޢާންމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ އެޕްލިކޭޝަންތަކާއި އޮންލައިން މެދުވެރުކޮށް ހަދާ މަކަރުން ސަލާމަތްވާނެ ގޮތްތަކެވެ.

ހިލޭ ކިޔަވައިދޭ މި ކޯހުގެ ޝަރުޠަކީ ސްމާޓް މޮބައިލް ފޯނެއް އޮތުމެވެ.

ހައްވަ ވިދާޅުވީ، މި ކޯސް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ޑިޖިޓަލް ލިޓެރަސީގެ އިތުރުން ޔުނިވަރސިޓީއެއްގެ ތަޖުރިބާ ކޮށްފައި ނުވާ ފަރާތްތަކަށް އެ ތަޖުރިބާ ވެސް ހޯދައި ދިނުމެވެ. އަދި އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ މިނިވަންކަމާއެކު ކަންތައްތައް ކޮށްލުމުގެ މަގު ފަހިކޮށްދިނުމެވެ.

" އާއިލާ ދުރުގައި އުޅޭއިރު ދަރިއަކަށް ނޫނީ ކާފަ ނޫނީ މާމަ ދަރިއަކަށް ގުޅަން ވެއްޖެނަމަ ބައެއް ފަހަރު މީހަކު އެކަން ކޮށްދިނީމާ އެކަމެއް ކުރެވެން އަންނަނީ. އޭގެ ސަބަބުން ގުޅަން ކިތަންމެ ބޭނުން ވިޔަސް އަމިއްލަ އިޚްތިޔާރުގައި އެކަން ކުރެވޭކަށް ނޯވޭ. އަމިއްލައަށް އެކަން ކުރެވޭނަމަ އެއީ ނަފުސަށް ވެސް ލިބޭ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ" ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ، ކޯހުގައި ބައިވެރިވާން ގޫގުލް ފޯމް ފުރައިދޭނެ މީހަކު ނެތިގެން އައިޑީކާޑު ހިފައިގެން އެ ކެމްޕަހަށް ވެސް ބައެއް މީހުން އައި ކަމަށެވެ.

ހައްވާ ވިދާޅުވީ، އެ ކޯހުގެ ތަޖުރިބާއަށް ބަލައި އިތުރު ކޯސްތައް ވެސް ހިންގަން ވިސްނަމުންދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *