ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ޚަތީބުންގެ ގޮތުގައި ތަމްރީނުކުރާ ދަރިވަރުންނަށް އާދީއްތަ ދުވަހު ހުއްދަ ދޭން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބނެފިއެވެ. އެ ތަމްރީނު ޕްރޮގްރާމް މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
ޒުވާން ޚަޠީބުން އުފެއްދުމަށް ހުޅުވާލީ ގުރޭޑް 10ން މަތީގެ ދަރިވަރުންނަށާއި މިހާރު ސްކޫލް ނިންމާފައިވާ ޒުވާނުންނަށެވެ. 160 ކުދިން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނާ އިންޓަވިއުކޮށް އޭގެ ތެރެއިން ހޮވި ދަރިވަރުންނަށް ހުއްދަ ދެނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހުއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭ މާއްދާ ތަކުގެ ތެރޭގައި ހިމެނެނީ، އަޤީދާގެ ބަޔާއި ފަންނުލް ޚިޠާބާއާއި މަސްޖިދު މެނޭޖްމަންޓާއި ފިޤުހާއި ތަޖުވީދާއި ޙިފުޒުކުރުމާއި އިސްލާމީ އަޙްލާޤެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ، ޒުވާން ޚަޠީބުން ރޯދަ މަހު ހުޠުބާ ކިޔާނެ ކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރަނީ، ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދުމަށާއި ދަރިވަރުންގެ ހިތްތަކުގައި އިމާމަކަށްވުމާއި ހުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމުގެ މަޤްޞަދުގައެވެ.
advertisment
ހިޔާލު