ވިލާ ކޮލެޖްގެ ސްމާޓް ކްލާސްރޫމް ވާވޭ އައިސީޓީ އެކަޑެމީއާ ގުޅިގެން ތަރައްޤީ ކުރަނީ

ވިލާ ކޮލެޖާއި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ފަރާތުން ރެކްޓަރ ޑރ އަހުމަދު އަންވަރެވެ. އަދި ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް އެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖަށް އައިސީޓީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ލިބިގެންދާނެ އެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް މި އެއްބަސްވުމުގެ ދަށުން ގާއިމް ކުރެވިގެން ދާނެއެވެ. މި ސްމާޓް ކްލާސްރޫމް ތަކާއެކު ތައުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމް ކުރެވޭނެ އެވެ.

ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމް ގާއިމްކުރުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމަށާއި އެ ކޮލެޖުގައި ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ، ވަގުތާއި ހަރަދު ވެސް ސަލާމަތް ވެގެން ދާނެ ކަމަށް ކޮލެޖުން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ ނިޒްނާ އަލީ ދީދީ ވިދާޅުވީ ވިލާ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި ވިދާޅުވީ، މި އެއްބަސްވުމާއެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރ އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސް ޑރ. އިބްރާހިމް ވަހީދު، ލެކްޗަރަރ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރ އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *