ފާއިތުވި 2022-2023 ވަނަ އަހަރު، މާފުށީ ސްކޫލުގެ ބެސްޓް އޯލް ރައުންޑް ދަރިވަރުގެ މަޤާމް ހޯދީ މުޙައްމަދު ނަހުޒާން އަޙުމަދެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.
އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި، ނަހުޒާން ވަނީ 2023 ވަނަ އަހަރު ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ. އޭނާގެ އިތުރުން އެ ސްކޫލުގެ އިސްމާޢީލް ވިއާމް އިބްރާހީމް ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނަ ހޯދާފައެވެ.

ޓޮޕް އެޗީވާރސް (ސްކޫލް ލެވެލް)
- އިސްމާޢީލް ވިއާމް އިބްރާހީމް
- މުޙައްމަދު ނަހުޒާން އަޙުމަދު
- ޢައިޝަތު ނަބާ ފުއާދު
- ހޫދު އިބްރާހީމް ޝަރީފް
- އިބްރާހީމް ވިފާޤު ނާޞިރު
ބެސްޓް އޯލްރައުންޑް (ޔުނިފޯމް އެކްޓިވިޓީސް)
- ސްކޫލްގެ ބެސްޓް އޯލްރައުންޑް ކެޑޭޓް: އަޙުމަދު ފާހިމް ޙަމީދު
- ބެސްޓް އޯލްރައުންޑް ބޭންޑްސްމަން: އަޙުމަދު އަކްމަލް ޢަބްދުﷲ ރަޝީދު
- ބެސްޓް އޯލްރައުންޑް ގައިޑް: އާމިނަތު ޝަނަން ޝާހީން
- ބެސްޓް އޯލްރައުންޑް ސްކައުޓް: ނާމީ ނަޢީމް

އެއްވަނައަށް އައި ދަރިވަރަށް އިނާމް ދެއްވައި، ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހުމާނު ވިދާޅުވީ، ދަރިވަރުންގެ ކާމިޔާބު ގުޅިގެން އަންނަނީ އެކުދިންނަށް ދެވޭ ތަރުބިއްޔަތެއްގެ މައްޗަށް ކަމަށާއި، ޤައުމުގައި ޒުވާނުންނާއި ކުޑަކުދިން ކުށްތަކަށް އަރައިގަންނަކަމަށް ރެކޯޑްތަކުން ދައްކާ ނިސްބަތް ކުޑަކުރުމަށްޓަކައި ޢާއިލާތައް ހަރުދަނާކުރުމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުމާއެކު، ދަރިން ހެޔޮ މަގަށް ތަރުބިއްޔަތުކުރުމަށް ދޭ ސަމާލުކަން އހުނަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު އާއިލާތަކުން ރަނގަޅު ތަރުބިއްޔަތާއެކު ކުދިން ނެރެވިގެންނޫނީ ސްކޫލް މަދަރުސާ ތަކުން ނިކުންނަ ދަރިވަރުންނަކީ ޤައުމަށް ބޭނުންތެރި ހަރުދަނާ ބަޔަކަށް ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކު ވެސް ޤައުމު ބޭނުންވާފަދަ ރަނގަޅު ޢިލްމާއި ހިލްމުހުރި ޤައުމާއި ވަޠަންދެކެ ލޯބިވާ ކުއްޖަކަށް ވުމުގައި ސާބިތުވެ ތިބުމަށް ހިތްވަރު ދެއްވިއެވެ.
ޕްރިންސިޕަލް އަބްދުއްނާޞިރު މުޙައްމަދު ގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އިޤްޠިޞާދުގެ އެންމެ ވަރުގަދަ ބާރަކީ ސްކޫލުން އުނގެނިގެން ނުކުންނަ ދަރިވަރުންކަމަށާއި، ޤައުމުގެ އިޤްޠިޞާދަށް ރަނގަޅު ކުރިއެރުމެއް ލިބޭނީ ދަރިވަރުންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދެވިގެންކަމަށެވެ. މިފަދަ ދަރިންތަކެއް އުފަންކުރެވޭނީ އަޅުގަނޑުމެން، ލޮބުވެތި މުދައްރިސުންނަށް ކަމަށްވާތީ، ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއިއެކު މިދަރިން އިހުނަށްވުރެ ރަނގަޅަށް ބައްޓަންކުރަން މަސައްކަތް ކުރުމަށް ވިދާޅުވިއެވެ،
އަދި އަޅުގަނޑުމެންގެ ސްކޫލުން ނުކުންނަ ދަރިވަރުންނަކީ އިސްލާމީ ރިވެތި އުޞޫލުތަކަށް ތަރުބިއްޔަތު ލިބިފައިވާ، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިވެތި ސިފަތައް ލިބިފައި ތިބި ކުދިންނަށް ހެދުމަށް އެންމެހައި މުދައްރިސުންނާއި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިރުޝާދު ދެއްވިއެވެ.
އަދި ތައުލީމަކީ އެތަނެއް ތަރައްޤީކޮށް ކުރިއަރުވައިދޭ އެންމެ ވަރުގަދަ ނާރެސް ކަމަށާއި، ތައުލީމަކީ އިންސާނުންގެ ފިކުރު އެންމެ ބޮޑަށް ތަރައްޤީކޮށްދޭ ބަހާގެ އިތުރުން އިޖުތިމާޢީ ރައްކައުތެރިކަން ޤާއިމުކޮށްދޭ ސޯޝަލް އިންޝުއަރަންސަކީވެސް ތައުލީމު ކަމަށް ވިދާޅުވިއެވެ.
advertisment
ހިޔާލު