ހދ. އޭއީސީގެ 45 ވަނަ އަހަރީ ދުވަހުގެ ޕީޓީއޭގެ ހަދިޔާ: ރީޑިންގ ޕާކަކާއި 20 ކޮމްޕިއުޓަރު

ހދ. އޭއީސީގެ 45 ވަނަ އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި އެ ސްކޫލުގެ ޕީޓީއޭގެ ފަރާތުން، ރީޑިންގ ޕާކަކާއި ކޮމްޕިއުޓަރ ލެބަށް 20 ކޮމްޕިޓަރު ސިސްޓަމް ހަދިޔާ ކޮށްފިއެވެ.

ކޮމްޕިއުޓަރ ސިސްޓަމްތައް އެ ސްކޫލާ ހަވާލުކުރީ 45 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ އެސަމްބްލީގައެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، ޕީޓީއޭގެ ފަރާތުން އެ ސްކޫލަށް ލިބުނީ ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ.

"ޕީޓީއޭގެ އެ ހަދިޔާއަކީ މިހާރުން މިހާރަށް ވެސް ދަރިވަރުންނަށް ބޭނުން ވެފައިވާ ވަރަށް މުހިންމު ހަދިޔާއެއް. " މަތީން، ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، މީގެ ދިހަ އަހަރު ކުރިން ޕީޓީއޭގެ އެހީއާއެކު ޤާއިމް ކުރި ކޮމްޕިއުޓަރ ލެބްގައި ދެ ތިން ކޮމްޕިއުޓަރު ފިޔަވައި އެހެން ހުރިހާ ކޮމްޕިއުޓަރުތައް ހަލާކުވެގެން ބޭނުން ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންވެ ދަރިވަރުން އޭގެ ބޭނުން ކުރަމުން އައީ ވަރަށް ދަތީގައި ކަމަށް މަތީން ވިދާޅުވިއެވެ.

" ވަރަށް ދަތީގައި ކޮމްޕިއުޓަރު ލެބުގެ ބޭނުން ދަރިވަރުން ކުރަމުން އައީ. ޕީޓީއޭގެ ހަދިޔާއާއެކު އަޅުގަނޑުމެންގެ ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ" މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޓީއޭއިން ހަދިޔާ ކުރި ކޮމްޕިއުޓަރު ތަކުގެ އިތުރުން އެމްޕީއެލްގެ ފަރާތުން ވެސް ނުވަ ކޮމްޕިއުޓަރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި ޕީޓީއޭއިން ހަދިޔާ ކުރާ ރީޑިންގ ޕާކް ހުޅުވުން އޮތީ އަންނަ ބުދަ ދުވަހުއެވެ. ހދ. އޭއީސީގެ ގޯތިތެރޭގައި 90 ފޫޓް ދިގު 45 ފޫޓް ފުޅާ މިނުގެ ސަރަހައްދެއްގައި ޤާއިމް ކޮށްފައިވާ މި ޕާކަކީ ޓާފް އަޅައިގެން ހަދާފައިވާ ހިތްފަސޭހަ ތަނެކެވެ. މި ތަނުގައި ދަރިވަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ފޮތް ބަހައްޓާފައި ހުންނާނެ ކަމަށް މަތީން ވިދާޅުވިއެވެ.

" ފޮތް ހޯދަން ވެސް "ބްކް ރަން" އެއް ބޭއްވީ. ގިނަ އަދަދެއްގެ ފޮތް ލިބުނު. ރީޑިންގ ޕާކުގެ ސެލްފް ތަކުން ފަސޭހައިން ނެގޭ ގޮތަށް އެ ހުރިހާ ފޮތެއް ބަހައްޓާފައި ހުންނާނެ" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ރީޑިންގ ޕާކަށް ޕީޓީއޭއިން 200،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. ލެބަށް ހަދިޔާކުރި ޚަރަދާއެކު ޖުމްލަ 350،000 ރުފިޔާ ޕީޓީއޭއިން އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި ޚަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ލެބަށް ކޮމްޕިއުޓަރު ހޯދަން ނިންމީ، ޕީޓީއޭގެ އަހަރީ މަހާސިންތާގައި ކަމަށާއި އެކަން ކުރަން މަސައްކަތު ދުވަހެއް ފާހަގަކޮށް ލިބުނު ހުރިހާ ފައިސާއެއް ޚަރަދު ކުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ގަންނަން ކަމަށެވެ.

" ދަރިންގެ ކިޔެވުމަށް ޕީޓީއޭއިން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން. ސްކޫލުގެ ކުރިއެރުމަށާއި ދަރިވަރުންގެ ކިޔެވުމަށް ބެލެނިވެރިން ވެސް އަންނަނީ ބޮޑު ޤުރުބާނީއެއް ވަމުން" މަތީން ވިދާޅުވިއެވެ.

ހދ. އޭއީސީއަށް 45 އަހަރު ފުރުނީ މާރިޗް މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ސްކޫލުގައި 900 އާ ކައިރި ކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *