ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލަށް ޑީންއެއް ހޯދަން އިއުލާން ކޮށްފިއެވެ. ބިޒްނަސް ސްކޫލަށް ޑީންއެއް ހޯދަނީ، އެ ސްކޫލްގެ ޑީންގެ މަޤާމުގައި ހުންނެވި އަބްދުއްރަޙުމާނު މުބާރިކް، ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ޤައުމީ ޔުނިވަރސިޓީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ އެ މަޤާމުގެ ޝަރުޠަކީ މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މުއްދަތު ގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
މަޤާމުގެ މަސްއޫލިއްޔަތަކީ، ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުމާއި
ދަރިވަރުން ކޯސްތަކުގައި ކުރިއަށް ދިއުމަށް އެހީތެރިވުމާއި ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގައި އަޅާލުންތެރިކަން ދިނުމާއި މައްސަލަތައް ހައްލުކޮށްދިނުމުގައި އިސްނެގުމެވެ. އަދި ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ހަރުދަނާ ޕްރޮފެޝަނަލް ގުޅުމެއް އުފައްދާ އެފަދަ ގުޅުންތައް ދެމެހެއްޓުމެވެ.
ބިޒްނަސް ސްކޫލުގެ ޑީންގެ އަސާސީ މުސާއަކީ މަހަކު 21،123 ރުފިޔާއެވެ. ވަޒީފާގެ އެލަވަންސަކީ 12،097 ރުފިޔާއެވެ. ހާޒިރީ އިނާޔަތަކީ ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް 327 ރުފިޔާއެވެ. މީގެ އިތުރުން ދަރިވަރުންގެ އެންރޯލްމަންޓް އަދަދަށް ބަލައި 3000 ރުފިޔާއާއި 6000 ރުފިޔާގެ އަދަދެއް ހަމަޖައްސައި ދޭނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ އައްޔަނުކުރާނީ ޓެނުއަޝިޕް މަޤާމެއްގޮތުގައި ކަމަށެވެ.
ބިޒްނަސް ސްކޫލުގެ ޑީންކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ މި މަހުގެ 11 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ.
advertisment
ހިޔާލު