ލަންދޫ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ މޮޅު ދަރިވަރުންނަށް އެރުވީ ހަތްކޮޅުގެ ޝަރަފެއް

ނ. ލަންދޫ ސްކޫލުގެ ތާރީޚުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ފަސް ދަރިވަރުންނަށް ހަތް ކޮޅުގެ ޝަރަފެއް އެ ސްކޫލުން އަރުވައިފިއެވެ. އެ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ކުރިން އެ ދަރިވަރުންނަށް މި ޝަރަފު ވަނީ އަރުވާފައެވެ.

ފާއިތުވި 2023-2022 ވަނަ އަހަރު، ސާނަވީ އިމްތިޙާނުގައި އެ ސްކޫލުގެ ދިހަ ދަރިވަރުން ބައިވެރިވެ ފަސް ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެއެވެ. އެއީ އެ ސްކޫލުން 2007 ވަނަ އަހަރު، އޯލެވެލް ހަދަން ފެށީއްސުރެ އިލްމީ ގޮތުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. ތާރީޚުގައި ވެސް މިހާ ގިނަ އަދަދެއްގެ ދަރިވަރުން އެ ސްކޫލުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ފަހަރެވެ.

ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަކީ:
  • މުޙައްމަދު އަނޫފް ޢަލީ، ޤައުމީ ގަދަ ދިހައެއްގެ 8 ވަނަ
  • އައިޝަތު ޒައިނާ ޒަހީނު، ޤައުމީ ގަދަ ދިހައެއްގެ 8 ވަނަ
  • މަރިޔަމް މީޝަމް މާހިރު، ޤައުމީ ގަދަ ދިހައެއްގެ 8 ވަނަ
  • މަރިޔަމް ރަޢުލާ، ޤައުމީ ގަދަ ދިހައެއްގެ 9 ވަނަ
  • މަރިޔަމް ރަޢުހާ، ޤައުމީ ގަދަ ދިހައެއްގެ 10 ވަނަ

މި ދަރިވަރުން ޝަރަފު އަރުވަން ބޭއްވި ޚާއްޞަ ދަރުބާރު އޮތީ އިއްޔެ ހަވީރުއެވެ. އެ ދަރުބާރަށް ދަރިވަރުން ގެންދިޔައީ ހަތް ކޮޅުގައެވެ.

ލަންދޫ ސްކޫލުން ވަނީ، ފާއިތުވެދިޔަ 4 އަހަރުގެ ތެރެއިން 3 އަހަރު، އޯލެވެލްގައި ފާސްވި މިންވަރު ސައްތައިން ސައްތައިގައި ހިފަހައްޓާފައެވެ.

ލަންދޫ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފު އަބްދުއް ރަހީމް ވިދާޅުވި ގޮތުގައި، އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހަތް ކޮޅުގައި ޝަރަފުއެރުވީ، އެއީ އެ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން ވެސް އެފަދަ ކާމިޔާބީތައް ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ރަނގަޅު ނަތީޖާ ހޯދައި އަމަލީ މައިދާނުގައި ހަރުދަނާ މީހަކަށް ވުމަކީ ކިހާ މުހިންމު ކަމެއްކަން އަންގައި ދިނުމުގެ ގޮތުންނެވެ.

ލަންދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޢާޞިފް ރަޝީދެވެ. ފާއިތުވި އަހަރު ލަންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަރިޔަމް ރަޢުހާއެވެ. އޭނާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ.

ލަންދޫ ސްކޫލުގައި 200އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *