މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަންއާ ގުޅިގެން އިހަވަންދޫ ސްކޫލުން ކުރިއަށް ގެންދިޔަ " ޔަންގ ފިޝާސް" ކުލަބުގެ ހަރަކާތްތައް ނިންމާލައި، އެ ކުލަބުން ދަސްވެރިވި ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ. ފިރިހެން ދަރިވަރުންގެ އަދަދަކީ ދިހައެކެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި މިފަދަ ކުލަބެއް ކާމިޔާބު ކަމާއެކު ހިންގި ފުރަތަމަ ފަހަރެވެ.

ފިޝަމެން އެސޯސިއޭޝަންގެ ބޮޑު އެހީތެރިކަމާއެކު އެ ކުލަބުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ސްކޫލްތަކުގެ ޔުނިފޯމް ބޮޑީސްތަކުގެ ހަރަކާތައް ކުރިއަށް ގެންދާ ގޮތަށް ފުރިހަމަ ކުރާ މަސައްކަތްތަކަށް ބެޖް ވެސް ލިބޭ ގޮތަށެވެ.

އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވީ، "ޔަންގ ފިޝާސް" ކުލަބުގެ ހަރަކާތައް ކުރިއަށް ގެންދިޔައީ އުއްމީދު ކުރެއްވި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމަށާއި، އެ ކުލަބުގެ ހަރަކާތްތަކުން ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް އަމަލީ ގޮތުން ތަޖުރިބާ ކުރެވުނު ކަމަށެވެ. މިއީ ޤައުމީ މަންހަޖުގައި ބަޔާން ކޮށްފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މުހިންމު ކުލަބެއްގެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޔަންގް ފިޝާސް ކްލަބުގެ ހަރަކާތްތަކުގެ ތެރޭގައި، ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތާއި ބަޔޯޑައިވާސިޓީ އާއި މަސްވެރިކަމާއި މޫސުމާ ގުޅުންހުރި މުހިންމު ކަންތައްތައް އަމަލީ ގޮތުން ދަރިވަރުން ވަނީ ތަޖުރިބާ ކޮށްފައެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ފަސްޓް އެއިޑް މަސްވެރިކަން މެނޭޖްކުރުމާއި ޕޯސްޓް ހާބަޓް ޓެކްނޮލޮޖީއާއި ނެވިގޭޝަން އަދި ކޮމިއުނިކޭޝަންއާ ގުޅޭ ކަންތައްތައް ވެސް ދަރިވަރުން ވަނީ ދަސްކޮށްފައެވެ.

35 ދަރިވަރުން ދަސްވެނިވިއިރު، އޭގެ ތެރެއިން ބައެއް ދަރިވަރުން ވަނީ 13 ބެޖެއް ޙާޞިލްކޮށްފައެވެ.
advertisment
ހިޔާލު