މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި ކެރިއަރ ގައިޑެންސަށް ޚާއްޞަ ޔުނިޓެއް ޤާއިމް ކުރަނީ

މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި ކެރިއަރ ގައިޑެންސަށް ޚާއްޞަ ޔުނިޓެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

މިފަދަ ޔުނިޓެއް އުފެއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން އިއުލާން ކުރެއްވީ އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، ވަޒީރު، ޑރ. މަރިޔާމް މާރިޔާއެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، އެ ޔުނިޓް ޤާއިމް ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއެކުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ، ސްކޫލްތަކަށާއި ވަކިވަކި ދަރިވަރުންނަށާއި ޓީޗަރުންނާއި ބެލެނިވެރިންނަށް އެ ޔުނިޓްގެ ބޭނުން ކުރެއްވޭނެ ކަމަށެވެ. އެ ޔުނިޓްގެ ތަފްޞީލެއް ވަޒީރު ނުދެއްވައެވެ.

ޑރ. މާރިޔާ ވިދާޅުވީ، މަތީ ތަޢުލީމަށް މަގުފަހި ކުރަން 21 ވަނަ ޤަރުނުގައި ވަރަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭ ކަމެށެވެ.

" ސާނަވީ ތަޢުލީމު ފަށާއިރު ދަރިންނަށް ވަރަށް ރަނގަޅަށް އެނގެންވާނެ ކޮން ސްޓްރީމެއްގެ ކޮން މާއްދާތަކެއް ކިޔަވައިގެންތޯ ދަރިވަރު ބޭނުންވާ ރޮނގަކުން ކުރިއަށް ދެވޭނީ. މިކަން ދެނެގަތުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން ދަރިވަރުންނަށް ވަރަށް ބޮޑަށް ބޭނުންވާނެ" ޑރ. މާރިޔާ ވިދާޅުވިއެވެ.

ޑރ. މާރިޔާ ވިދާޅުވީ، އާމްދަނީ ލިބޭ ހަލާލު ކޮންމެ މަސައްކަތަކީ ގަދަރުވެރި މަސައްކަތެއް ކަމަށް އަޅުގަނޑުމެންގެ މުޖްތަމައު ޤަބޫލުކުރަން އެބަޖެހޭ ކަމަށެވެ. އެއީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް ކަން އޮންނަ ގޮތް ކަމަށާއި، ޑްރައިވަރަކަސް މާވަޑިއަކަސް ޑޮކްޓަރަކަސް ޕައިލެޓަކަސް ރޫމް ބޯއީއަކަސް މަސްވެރިއަކަސް ރާނާ މީހަކަށް ވިޔަސް އެއީ ގަދަރުވެރި މަސައްކަތެއް ކަމަށެވެ.

" އަޅުގަނޑުމެން އެހެން ބަޔަކަށް ބަރޯސާ ނުވެ މިނިވަންކަމާއެކު އުޅެން ބޭނުން ނަމަ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިނާއަތް ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅިފައިޥާ ހުރިހާ ކަމަކަށް ކެރިގެން ކުރިމަތިލާން ވާނެ" މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *