ތިމާވެއްޓާ ގުޅުން ހުރި ހަތަރު ދާއިރާއަކުން ލ. އަތޮޅުގައި ޕްރޮޖެކްޓް ހިންގަން މާލީ އެހީ ދެނީ

މި އެހީއަށް، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ހުށަހެޅޭނެ

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) މަޝްރޫއުން، ތިމާވެއްޓާ ގުޅުން ހުރި ހަތަރު ދާއިރާއަކުން ލ. އަތޮޅުގައި ޕްރޮޖެކްޓް ހިންގަން މާލީ އެހީ ދޭން ނިންމައި، ޕްރޮޕޮސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

މިއީ އެންދެރި މަޝްރޫއުން ކުދި މާލީ އެހީ ދޭން ހުޅުވާލި ދެވަނަ ބުރެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ތިމާވެއްޓާ ގުޅުން ހުރި ހަތަރު ދާއިރާއަކުން ލާމު އަތޮޅުގައި ޕްރޮޖެކްޓް ހިންގަން ހުށަހެޅިދާނެ ކަމަށެވެ. ކުދި މާލީ އެހީ ދެނީ، މަދަނީ ޖަމިއްޔާ ތަކާއި ކޮމިއުނިޓީ ބޭސްޓް އޯގަނައިޒޭޝަންތަކާއި ޒުވާނުންނާއި ކުޑަކުދިންނާ ގުޅުން ހުރި ޖަމިއްޔާ، މަދަރުސާ އަދި ޔުނިވަރސިޓީ ތަކާއި އަންހެނުން އިސްވެ ހިންގާ ޖަމްޢިއްޔާތަކާއި ޖަމާޢަތް ތަކަށެވެ. ހުށައަޅާ ޕްރޮޖެކްޓަކީ ރަށު ކައުންސިލުން އެންޑޯޒް ކޮށްފައިވާ ޕްރޮޕޯސަލްއަކަށް ވާންޖެހޭނެ ކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ކޮންސެޕްޓް ކަމަށާއި ހުށަހަޅާ ކޮންސެޕްޓްތަކުން އެންމެ ރަނގަޅު ކޮންސެޕްޓްތަކަށް ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތުލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިއްލާންގައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ 13 މާރިޗް 2024، ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ.  އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިން endheri@environment.gov.mv އަށެވެ.

އެ މިނިސްޓްރީން ބުނީ، އެންދެރި މަޝްރޫޢު ގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އަދި ޤައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދްރަތީ ރައުސްމާލުގެ ހިސާބު / ވަޒަންކުރުން އަތޮޅު އަދި ރަށުފެންވަރުގައި ހައްދުންމަތީގައި ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެ، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީކުރެވޭނޭ ވިސްނުންތަކެއް ގެނައުމަކީ މި މަޝްރޫޢުގެ އެއް މަގްސަދު ކަމަށެވެ.

އެންދެރި ސްމޯލް ގްރާންޓް (ކުދި މާލީ އެހީ) ގެ މަގްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައި، އެ ނިޒާމްތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަ ކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން މިމަޝްރޫޢު މެދުވެރިކޮށް ލާމު އަތޮޅުގެ ރަށްތަކަށް ފޯރުކޮށްދިނުން ކަމަށް އެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *