ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން، 500 ލޯނުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން 500 ލޯނުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ސްކީމުގެ ދަށުން ލޯނަށް ހުށަހަޅަން ޖެހެނީ އަންނަ އެޕްރީމް މަހުގެ 25 ވަނަ ދުވަހުގެ 13:30ގެ ކުރިންނެވެ.

ސަރުކާރުން މިއަދު ހުޅުވާލި ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. މާރިޔާ ވިދާޅުވީ، މިއަދު ހުޅުވާލި ލޯން ސްކީމްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ކުރެވިފައިވާ ފުރުޞަތުތަކެއް ހިމެނޭ ކަމަށެވެ.

" މީގެ ކުރިން ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މިކަމަށް ދެވޭ ޚަރަދު ތަކަކީ އެކުދިންގެ ޚާއްޞަ ބޭނުންތަކަކށް ރިޢާޔަތްކޮށް ދެވޭ ޚަރަދުތަކަށް ނުވާތީ. މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ އެފަރާތެއްގައި ހުންނަ ނުކުޅެދުންތެރި ކަމަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކެމެއް ބޭނުންވާ ހާލަތުގައި އެކަމަށް ބޭނުންވާނެ އިތުރު ޚަރަދުތައް ހަމަޖައްސައިދޭން. އެހެން ނޫނީ އެފަދަ ކުދިން މިފަދަ ޕްރޮގްރާމްތަކުގައި ޝާމިލު ކުރެވިގެން ނުދާނެ" ޑރ. މާރިޔާ ވިދާޅުވިއެވެ.

ޑރ. މާރިޔާ ވިދާޅުވީ، މި ފަހަރުގެ ސްކީމުގައި ސަރުކާރުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދު އާ ރޯކުރެވޭ ޚާއްޞަ ދާއރާތަކުން މީހުން ބިނާކުރުމަށް އިސްކަންދީފައިވާނެ ކަމަށެވެ. ދިވެހިން މަދު ފަންނީ ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް ދިނުމަށް ހުޅުވާލާފައިވާނެ ކަމަށެވެ.

ޑރ. މާރިޔާ ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އެކުދިންގެ ދިރިއުޅުމުގެ ޚަރަދު ހަމަޖައްސަން ލޯނުގެ ތެރެއިން ސްޓައިޕަންޑެއް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.

" މީގެ ސަބަބުން އަތޮޅު ތެރެއިން ކިޔަވަން މާލެއައިސް ތިބޭ ކުދިން ކިޔެވުން ކުރިއަށް ގެންދަން ދެވޭނެ މުހިންމު އެހީއަކަށް އެކަން ވެގެންދާނެ"

ޑރ. މާރިޔާ ވިދާޅުވީ، ފަސް އަހަރަށް ބަހާލައިގެން މީހުން ބިނާކުރުމުގެ ވަރަށް ފުޅާ ޕްރޮގްރާމްތަކެއް ހިންގަން ސަރުކާރުން ރާވާފައިވާ ކަމަށެވެ.

ލޯން ސްކީމާ ގުޅޭ ގޮތުން ގެޒެޓް ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ލޯން ދޫކުރަނީ ދެ ކެޓަގަރީ އަކުންނެވެ. އެއީ އަލަށް ކިޔަވާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ. އަލަށް ކިޔަވަންފަށާ ދަރިވަރު ގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަންފަށާ ދަރިވަރުންނަށެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން ނަށެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނުދޭން ވެސް ވަނީ ނިންމާފައެވެ. މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ – ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައ، "ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއ،ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައ، ޕްރޮގްރާމް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *