އެމްއެންޔޫގެ ތިނަދޫ ކެމްޕަހުން ބޭއްވި، ނަމާދު ވޯކް ޝޮޕްގެ ތަރުޙީބު ބޮޑުވެ އިތުރު ވޯކްޝޮޕްތަކެއް ބާއްވާނެ ކަމަށް އެ ކެމްޕަހުން ބުނެފިއެވެ.
"ދީނުގެ ތަނބު" ގެ ނަމުގައި ނަމާދު ވޯރކްޝޮޕް ތިނަދޫ ކެމްޕަހުން ކުރިއަށް ގެންދިޔައީ ތިނަދޫ ކައުންސިލާ ގުޅިގެންނެވެ.
މި ވޯކް ޝޮޕްގައި ބައިވެރިވާން ހުޅުވާލީ 60 ޖާގައަށެވެ. އެކަމަކު 89 ދަރިވަރުންނާއި ބޮޑެތި މީހުން ނަންނޯޓް ކޮށް، ވޯކްޝޮޕްގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި ކައުންސިލުން ކުރިއަށް ގެންދިޔަ ކަސީދާ ޕްރޮގްރާމުގެ ބައިވެރިން ވެސް ހިމެނެއެވެ. 89 ފަރާތުން ބައިވެރިވި ނަމަވެސް ހުރިހާ ކުލާސްތަކަށް ހާޒިރުވެ ސެޓްފިކެޓް ލިބުނީ 66 ބައިވެރިންނަށެވެ.
މިވޯކްޝޮޕުގައި ޢިލްމީ ގޮތުން ނަމާދާއިބެހޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެއްމެ ޞައްޙަ ގޮތުގައި ވުޟޫކުރުމާއި ނަމާދު ކުރާނޭ ގޮތުގެ ޢަމަލީ ސެޝަންތައް އަމަލީ ގޮތުން ކުރިއަށް ގެންދިޔައެވެ.
ގިނަ ސެޝަންތައް ކުރިއަށް ގެންދިޔައީ ކުދިންނާއި ބޮޑެތި މީހުންނަށް ވަކިންނެވެ.

ނަމާދު ވޯކް ޝޮޕް ގެންދިޔައީ 13 އަހަރުން މަތީ އުމުރު ފުރައަށެވެ.
ތިނަދޫ ކެމްޕަސްގެ މޭނޭޖަރު ޑރ. ލައުޝާ މުހައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ނަމާދު ވޯކްޝޮޕުގައި ބައިވެރިވާން ހުޅުވާލުމާއެކު ކަނޑައެޅި ޖާގައަށްވުރެ އިތުރަށް ބައިވެރިވާން އެދުނު ކަމަށެވެ.
" ތޭރަ އަހަރުން މައްޗަށް އަޅުގަނޑުމެން މި ފަހަރު ޓާގެޓް މި ކުރި. އެކަމަކު ވެސް އެއަށްވުރެ ދަށް އުމުރުގެ ދަރިވަރުން ބައިވެރި ކުރަން ރިކްއެސްޓް ލިބުނު. އަދި ނަންނޯޓްވެސް ކުރި. އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ޑިމާންޓް ބޮޑުކޮށް ދިޔައީ" ލައުޝާ ވިދާޅުވިއެވެ.

ޑރ. ލައުޝާ ވިދާޅުވީ، ނަމާދު ވޯކް ޝޮޕް ވަރަށް ކާމިޔާބު ކަމަށާއި، އެ ފަދަ އިތުރު ވޯކް ޝޮޕްތައް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
ތިން މަސް ފަހުން އިތުރު ވޯކް ޝޮޕް ބާއްވަން ޕްލޭން ކުރަމުން މިދަނީ. ދެން ބާއްވާއިރު، މި ފަހަރުގެ ތަޖުރިބާއަށް ބަލައި 13-8 އަހަރުގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާނީ" ޑރ. ލައުޝާ ވިދާޅުވިއެވެ.
ޑރ. ލައުޝާ ވިދާޅުވީ، ނަމާދު ވޯކް ޝޮޕްގެ ތެރެއިން ދާރިސުންނާއި ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިން ކަމަށާއި ކުދިންގެ ފަރާތުން ގިނަ ސުވާލުތަކެއް ކުރިމަތިވި ކަމަށެވެ.

" ކުދިން އިންޓްރެސްޓްވެގެން ސުވާލުތައް ކުރަމުން ދިޔައީ. މިފަދަ ވޯކް ޝޮޕްތަކަށް ކުދިންގެ ޝަޢުޤުވެރިކަން ހުންނަކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ" ޑރ. ލައުޝާ ވިދާޅުވިއެވެ.
ތިނަދޫ ކެމްޕަހުން އަންނަނީ ތިނަދޫ ކައުންސިލާ ގުޅިގެން، ރޯދައަށް ޚާއްޞަ ދީނީ ދަރުހެއް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވަމުންނެވެ.
advertisment
ހިޔާލު