"ޕްރޮޕަޓީ މެނޭޖްމަންޓް" އާއި "ސްޓްރާޓާ ކޮމިއުނިޓީ އިން މެނޭޖްމަންޓް" ގެ ނަމުގައި އެއްމެދު އިމާރާތް މެޏޭޖްކޮށް ބަލަހައްޓަން ދަސްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގި ކޯހުގެ ނިމުން ފާހަގަކޮށްފިއެވެ. މި ކޯހުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއީ ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސްޕޮންސަރކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގި ކޯހެކެވެ.
ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދިނީ އެއްމެދު އިމާރާތް ރަޖިސްޓްރީ ކުރުމާއި އިމާރާތުގެ ސްޓްރަކްޗާގެ މައްސަލަތައް ދެނެގަންނާނެ ގޮތާއި އެކަންކަން ހައްލުކުރާނެ ގޮތް ތަކެވެ.
މި ކޯހުގެ ބޭނުމަކީ އެއްމެދު އިމާރާތް ބެލެހެއްޓުމާއި އެ ފަދަ އިމާރާތްތަކަށް ދިމާވާ މައްސަލަތަކާއި އެތަންތަނުގައި އާންމުކޮށް ބޭނުން ކުރަން އޮންނަ ސަރަޙައްދުތައް މެނޭޖްކޮށް ބަލަހައްޓަން ބޭނުންވާ މީހުން ބިނާކުރުމެވެ. ރާއްޖެއިން ބޭރުގައި ވެސް މިފަދަ އިމާރާތްތައް މެނޭޖްކުރުމަށް ވަކި ކުންފުނިތައް ނުވަތަ އެޖެންޓުން ތިބެއެވެ. މިފަދަ އެޖެންޓުންނަކީ ވަކި ޝަރުތުތަކެއްގެ މަތިން އެއްމެދު އިމާރާތުގެ ވެރިން އެކުވެގެން އުފައްދާ ކޯޕަރޭޝަންތައް ހިންގުމުގެ ޢިލްމާއި ހުނަރު ލިބިފައިވާ ފަރާތްތަކެވެ.

ޕްރޮޕަޓީ މެނޭޖްމަންޓް އާއި ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް އެ ކޯސް ހިންގީ އެމްއެންޔޫގެ ބިޒްނަސް ސްކޫލުންނެވެ. މިކޯހުގައި ޝަރުއީ ދާއިރާއާއި އާކިޓެކްޗަރއާ ވެސް ގުޅުން ހުރި ކޯސްތަކެއް ކަމަށް ވާތީ، އެ ކޯސްތައް ކުރިއަށް ގެންދިޔައީ އެ ޔުނިވަރސިޓީގެ ޝަރީއާއިން ލޯ އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.
ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށްފަހު، ވަޒީރު، އަލީ ހައިދަރު ވިދާޅުވީ، އުސް އިމާރާތްތައް އެއްމެދު އިމާރާތުގެ ގޮތުގައި އަޅަމުން އަންނައިރު އެތަންތަނުގެ މެއިންޓެނަންސް މަސައްކަތްތަކާއި އެ އިމާރާތް މެނޭޖްކޮށް ބެލެހެއްޓުމަށް ޤާބިލު މީހުން ބޭނުންވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕްރޮޕަޓީ މެނޭޖްމަންޓް ދާއިރާއަށް އަމާޒުކޮށް އިތުރު ކޯސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
advertisment
ހިޔާލު