ދ. ރިނބުދޫ ސްކޫލުން، އެ ރަށުގެ ގޮނޑުދޮށުގައި މި ފަހަރު ކުރިއަށް ގެންދިޔައީ ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންގެ ރިވިޝަން ކުލާސްތަކެވެ.
ގޮނޑުދޮށުގައި މޭޒުތަކާއި ގޮނޑިތައް އަތުރާލައިގެން " ވަން ޓު ވަން" ސެޝަންގެ ގޮތުގައި ރިވިޝަން ގެންދިޔައީ ކޮންމެ ދަރިވަރަކަށް ޓީޗަރަކު ކިޔަވައިދޭ ގޮތަށެވެ. އެ ރަށު ސްކޫލުން އާންމު ކުރި ފޮޓޯތަކަށް ބަލާއިރު ވެސް ގުދުރަތީ މާހައުލުގެ ތެރޭގައި ޖެހެމުންދާ ވައިރޯޅިއާއި ހުޅިވިފައި އޮތް އެ މާހައުލުގައި އެ ދަރިވަރުން ކިޔަވަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައެވެ. އެ އުފާ، ކިޔަވައި ދެއްވި ޓީޗަރުން ވެސް ދިޔައީ ހޯއްދަވަމުންނެވެ.

އަންނަ މެއި ޖޫންގައި ބާއްވާ އިމްތިޙާނުގައި ރިނބުދޫ ސްކޫލުން ހަތް ދަރިވަރުން އިށީންނާނެއެވެ. އެ ދަރިވަރުންނަށް އުނގެނެން އެންމެ އެކަށީގެންވާ މާހައުލެއް އުފައްދައިދީ، ދަރިވަރުންގެ އިލްމީ ފެންވަރު މަތި ކުރުމަށް އެ ސްކޫލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިނބުދޫ ސްކޫލުން ބުނި ގޮތުގައި، މި ސެޝަންގެ މަޤްޞަދަކީ ރީތި ގޮނޑުދޮށުގެ ވަށައިގެންވާ މާހައުލުގެ އުފަލުގައި ދަރިވަރުންނަށް އެކުދިންގެ ޢިލްމީ "މެޓީރިއަލް" ރިވިއު ކުރެވޭނެ ހިތްގައިމު އަދި ލުއި މާހައުލެއް ޤާއިމު ކުރުމެވެ. އެކްޓިވް ލާނިން ޓެކްނިކްސް އާއި އިންޓަރެކްޓިވް ސެޝަންތައް ހިމަނައިގެން ކުރިއަށް ގެންދާ މި ރިވިޝަން ސެޝަންގެ ސަބަބުން ދަރިވަރުންގެ މައުލޫމާތު އިތުރަށް ހަރުދަނާވެ، ވިސްނުން ރަނގަޅުކޮށް، ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުވުމަށް މަގުފަހިވެގެންދާނެއެވެ.
ރިނބުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ވަހީދު އަބްދުއްރަހުމާން ދަރިވަރު ނޫހަށް ވިދާޅުވީ، ކުލާސް ރޫމުން ބޭރުން ދަރިވަރުންނަށް ފަހިކޮށްދޭ ފުރުޞަތު އިތުރު ކުރުމުން އެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެ ސްލުން ތަޖުރިބާ ކުރި ކަމަކީ އެއީ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލުން ދަރިވަރުންގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބެލެނިވެރިންނާއި ރަށުގެ މުއައްސަސާތަކުން ދޭ އެއްބާރުލުމަކީ އެ މަސައްކަތް ކުރިއަށް ގެންދަން ލިބޭ ހިތްވަރެއް ކަމަށެވެ.
ދަރިވަރުންގެ ރިވިޝަން ކުލާސްތައް ދިޔައިރު ބެލެނިވެރިންގެ ފަރާތުން އެ ދަރިވަރުންނާއި ޓީޗަރުންނަށް ސައިގެ ކަންތައްތައް ވަނީ ހަމަޖައްސައި ދީފައެވެ. އަދި ބެލެނިވެރިން ވެސް އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ.
އިމާދުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ އަރުތަ ކޭމްޕްގައި ވެސް މިފަހަރު ރިނބުދޫ ސްކޫލުގެ ގުރޭޑް 10ގެ ދަރިވަރުން ބައިވެރިވިއެވެ. އެއީ ވެސް އެ ދަރިވަރުންނަށް އެ ސްކޫލުން ފަހި ކޮށްދިން، ރަނުގެ ފުރުސަތެކެވެ.
advertisment
ހިޔާލު